ޖިނާއީ ކުށްކުރާ ފަރާތްތައް އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެންވިޔަސް އެ މީހުން ރާއްޖެ ގެނެސް ތަހުގީގު ހިންގާނަން: ފުލުހުން

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 29ސ
ޖިނާއީ ކުށްކުރާ ފަރާތްތައް އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެންވިޔަސް އެ މީހުން ރާއްޖެ ގެނެސް ތަހުގީގު ހިންގާނަން: ފުލުހުން

ޑްރަގް އެންފޯސްމަންޓުން ކުރަމުންދާ މަސައްކަތްތަކާއި ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ޑްރަގް އެންފޯސްމަންޓުގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތުދެއްވީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމްއާއި، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ނާއިފް އަދި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިޙް މުޙައްމަދުއެވެ. 

މި ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް ވިދާޅުވީ ކަނޑުމަގުންނާއި ވައިގެމަގުން މަސްތުވާތަކެތި އެތެރެކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަމާޒުކޮށްގެން ތަފާތު އެކި އޮޕަރޭޝަންތައް މި އަހަރު ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އަދި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގޭ އޮޕަރޭޝަން ތަކުގައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދޭ ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ. 

ޗީފް އިންސެޕްޓަރ އޮފް ޕޮލިސް އަޙްމަދު ނާއިފް ވިދާޅުވީ ފަހަކަށް އައިސް ސަރަހައްދީ ގައުމުތަކުގައި ދިވެހިން ގާއިމުވެ ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށާ އެގޮތުން އެއަރކާގޯ އާއި ސީކާގޯ މެދުވެރިކޮށް އަދި އިލެކްޓްރިކް ސާމާނުތަކުގައި މަސްތުވާތަކެތި ފޮރުވައިގެން ފޮނުވަމުންދާކަމަށެވެ. އަދި ދުނިޔޭގެ ކޮންމެ ސަރަހައްދެއްގައި ދިވެހިން ގާއިމުވެތިބެގެން ޖިނާއީ ކުށްކުރާ ފަރާތްތައް އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެންވިޔަސް އެ މީހުން ރާއްޖެ ގެނެސްގެން އެ މީހުންގެ މައްޗަށް ތަހުގީގު ހިންގާނެކަމަށެވެ. އަދި ބައެއް ފަރާތްތަކުން ފިލައިގެން ރާއްޖެ ދޫކޮށް ދިއުން ފަދަ ކަންކަމުގައި އަވައްޓެރި ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމުއިއްތާކުގެ އެހީ ހޯދައިގެން އެ މީހުން އަތުލައިގަތުމުގެ މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ. 

މި ބައްދަލުވުމުގައި ހިއްސާކުރެއްވި ތަފާސްހިސާބަށް ބަލާއިރު މި އަހަރުގެ މިހާތަނަށް މުޅި ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގުނު އޮޕަރޭޝަންތަކުގެ ތެރެއިން، ގާތްގަނޑަކަށް 875 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަނެވިފައިވާކަން ހާމަކުރެއްވިއެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ޖުމުލަ 188 އޮޕަރޭޝަން މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާފައިވެއެވެ. މި މަސައްކަތްތަކުގެ ތެރެއިން 997 މީހުން ހައްޔަރުކުރެވި، މަސްތުވާތަކެތި ބޭނުންކުރާ 11 ތަން ބަންދުކުރެވި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާދާއިރާއެއްގައި ބަލައިފާސްކުރުމުގެ ހަރާކަތްތައް ހިންގާފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި، 16,024 މީހުން ބަލައިފާސްކޮށްފައިވާއިރު، 137 ބިދޭސީއަކު ވަނީ ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. އަދި ފަރުވާއަށް 301 މީހަކު ވަނީ އެންޑީއޭ އާ ހަވާލުކޮށްފައެވެ.   

މި އަހަރުގެ މިހާތަނަށް ޖުމުލަ 498.99 ކިލޯގްރާމުގެ މަސްތުވާތަކެތި ހިފަހައްޓާފައިވާއިރު، މި ތަކެތީގެ މަގުމަތީ އަގު 871.24 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާއަށް އަރައެވެ. މީގެ އިތުރުން، 6860 ބަނގުރާ ފުޅި އަދި ދަޅު ހިމެނޭއިރު މިތަކެތީގެ އަގު 3.9 މިލިއަން ރުފިޔާއަށްވުރެ ގުނައެވެ. މިއަހަރު މިހާތަނަށް އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ޖުމުލަ މަގުމަތީ އަގު 875.23 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އަރައެވެ.  

މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގުނު އޮޕަރޭޝަންތަކުގެ ނަތީޖާއެއްގެ ގޮތުން، ނާކޮޓިކްސް ޑިޓެންޝަން އޮތޯރިޓީގެ ދަށުން 301 މީހުން ރިހެބިލިޓޭޝަނަށް ފޮނުވުމަށް ރިމާންޑްކުރެވިފައިވެއެވެ. އަދި 137 ބިދޭސީން އެ މީހުންގެ ގައުމަށް އަނބުރާ ފޮނުވައިލުމުގެ މަރުހަލާގައި އިމިގްރޭޝަނާ ހަވާލުކުރެވިފައިވެއެވެ. މުޅި އަހަރުގެ ތެރޭގައި ޖުމުލަ 648 މައްސަލަ ތަހުގީގުކޮށްފައިވާއިރު، މީގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ 335 މައްސަލަ ހިމެނެއެވެ. 

އޭގެ އިތުރުން"އޮޕަރޭޝަން އަލިމަގު" ފަދަ ހާއްސަ އިނިޝިއޭޓިވްތަކާއި، އަތޮޅުތެރޭގައި ރާވައިގެން ހިންގުނު އޮޕަރޭޝަންތަކުން މަސްތުވާތަކެތީގެ ނެޓްވޯކްތައް ނައްތާލުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާކަން މި ބައްދަލުވުުގައި ފާހަގަކުރެއްވިއެވެ. އަދި މި އޮޕަރޭޝަންތަކުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ހައްޔަރުކުރެވި، އެކި އަތޮޅުތަކުން މަސްތުވާތަކެއްޗާއި ގަވާއިދާ ހިލާފު ބަނގުރާ ހިފެހެއްޓިފައިވާއިރު، މުޖުތަމައުތަކުގެ ތެރޭގައި މަސްތުވާތަކެތި ދައުރުކުރުން ދަށްކުރެވިފައިވާކަން ހާމަކޮށްފައިވެއެވެ.

 

 

ހަބަރު: ޕޮލިސް

މިއަދު އޮންލައިން