އުޅަނދު ރަޖިސްޓަރީ ކުރުމުގައި ގަރާޖް ޕާމިޓް ހުށަހަޅަން ނުޖެހޭ ގޮތަށް ހަދަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
އުޅަނދު ރަޖިސްޓަރީ ކުރުމުގައި ގަރާޖް ޕާމިޓް ހުށަހަޅަން ނުޖެހޭ ގޮތަށް ހަދަނީ

އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމަށް ގަރާޖު ސިޓީއާއެކު ހުށަހަޅަންޖެހޭ ގަރާޖު ޕާމިޓް ހުށަހަޅަން ނުޖެހޭ ގޮތަށް ހަމަޖައްސަން ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ހާމަކޮށްފިއެވެ. މި ބަދަލަކީ އުޅަނދުތައް ރަޖިސްޓަރީ ކުރުމުގައި އާންމުންނަށް ދިމާވާ ދަތިތައް ހައްލުކޮށް، ހިދުމަތް ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުމަށް ގެނެވޭ ބަދަލެކެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ބަދަލު ގެނައުމަށް ނިންމީ ގަރާޖާ ގުޅޭގޮތުން ވަކި ދެ އިދާރާއަކުން ދެ ހުއްދަ ނަގަންޖެހުމާއި، އެއް ހިދުމަތެއް ފުރިހަމަ ކުރުމަށް ރައްޔިތުން ދެ ފަހަރަށް ލިޔެކިޔުންތައް ހުށަހަޅަން ޖެހުމުގެ ސަބަބުން ދިމާވާ ދަތިތައް ކުޑަކުރުމަށެވެ. މީގެ ސަބަބުން އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް މަދުވެ، ހިދުމަތް އަވަސްވެގެންދާނެ ކަމަށް އެ ވުޒާރާއިން އުންމީދު ކުރެއެވެ.

މީގެ އިތުރުން، 2009 ވަނަ އަހަރުން ފެށިގެން ގަރާޖު ލާޒިމް ކުރުމުގެ ކުރިން ރާއްޖެއަށް އެތެރެކޮށްފައިވާ އުޅަނދުތަކާއި، ވަކި ގަރާޖަކަށް ރަޖިސްޓަރީކޮށްފައިނުވާ އުޅަނދުތަކުގެ ވެރިފަރާތް ބަދަލު ނުކުރެވޭތީ ގިނަ ބައެއްގެ ޝަކުވާ ލިބެމުންދާ ކަމަށްވެސް މިނިސްޓްރީން ފާހަގަކުރިއެވެ. އެހެންކަމުން، މިހާރު މާލެ ޒޯނުގައި ރަޖިސްޓަރީކޮށްފައިވާ އެފަދަ އުޅަނދުތަކަށް އިތުރު ގަރާޖު ލިޔުމެއް ނެތި ވެރިފަރާތް ބަދަލު ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

ލިޔެކިޔުންތަކަށް މިފަދަ ލުއިތަކެއް ދިން ނަމަވެސް، އުޅަނދު ރަޖިސްޓަރީ ކުރުމުގެ މަރުހަލާގައި މިހާރުވެސް އަމަލުކުރަމުންދާ މުހިންމު އުސޫލުތަކަކަށް ބަދަލެއް ނާންނާނެއެވެ. އެގޮތުން "ގަރާޖުގެ ވެރިފަރާތުގެ ރުހުން އޮތްތޯ ބެލުމާއި ގަރާޖު އިންސްޕެކްޓް ކުރުމުގެ މަސައްކަތް ކުރިއެކޭވެސް އެއްގޮތަށް ކުރިއަށްދާނެ" ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވިއެވެ.

މި ބަދަލަކީ ސަރުކާރުން ހިދުމަތްތައް އަވަސްކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ވުޒާރާއިން ސިފަކުރެއެވެ.

މިއަދު އޮންލައިން