ރަސްމާލެ ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބިޔަ މަޝްރޫއުގެ ދަށުން، "އޭރިއާ އޭ" ގެ 41 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
އެމްއޭސީއެލް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ސައިޓުގެ "އޭރިއާ އޭ" އިން ހިއްކުމަށް ކަނޑައަޅާފައިވާ 137.5 ހެކްޓަރުގެ ތެރެއިން 41 ހެކްޓަރު މިހާރު ވަނީ ހިއްކާ ނިމިފައެވެ. މިއީ އެ ސަރަހައްދުގެ މަސައްކަތުގެ ޖުމްލަ 30 އިންސައްތަކަން އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދަވާ މި މަޝްރޫއުގައި ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ދެ ޑްރެޖަރު ބޭނުންކޮށްގެންނެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑު ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖަރު ކަމަށްވާ 'ކްރިސްޓަބެލް ކޮލޯން' ހިމެނެއެވެ. ޖާން ޑި ނަލް ކުންފުނިން އޮޕަރޭޓްކުރާ މި ޑްރެޖަރަކީ 46,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި އުޅަނދެކެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި މި ބޮޑު ޑްރެޖަރުގެ އެހީގައި ބިން ހިއްކުމުގެ މަސައްކަތް ވަރަށް ހަލުއިކަމާއެކު ކުރިއަށްދެއެވެ. މި މަޝްރޫއަކީ ރާއްޖޭގެ ތާރީޚުގައިވެސް ހިންގާ ބިން ހިއްކުމުގެ އެންމެ ބޮޑު އެއް މަޝްރޫއަށް ވާއިރު، މުޅި މަޝްރޫއު ބަހާލާފައިވަނީ ޖުމްލަ 12 ސަރަހައްދަކަށެވެ.
މި މަޝްރޫއުގެ ދަށުން ޖުމްލަ 1,009 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުގެ އަމާޒަކީ މި މަޝްރޫއު ނިމުމުން ރަސްމާލެއަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައި ހަބަކަށް ހެދުމެވެ.