"މުޖުތަމަޢުއަށް ގެއްލުންހުރި ބޮޑެތި ކުށްތައް ކުރާ މީހުން މިނިވަންކުރަން ބުނުމުގެ ޙައްޤެއް ސަރުކާރަކަށް ނެތް!" ކަމަށާއި އެކަން ސަރުކާރުން ނުކުރާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ކުޑަކުދިންނާ ބެހުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން، މީހުން މެރުން، މާރާމާރީ ހިންގުން، ޑްރަގް ޓްރެފިކްކުރުން، ޓެރަރިޒަމްގެ ޢަމަލެއް ހިންގާފަހުރި މީހެއް،" ދޫކޮށްލަން ބުނުމުގެ ޙައްޤެއް އަޅުގަނޑަކަށް ނެތް! އެއީ އަޅުގަނޑަސް ލިބިފަ އޮތް ފުރުޞަތެއް ނޫން! އަދި އެއީ އަޅުގަނޑު ކޮސްގެންވާނެވެސް ކަމެއް ނޫން! އެހެންވީމަ އެކަން ނުވަނީ!"
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ސިޔާސީ ވިސްނުމުގައި އެއްވެސް މީހަކު ބަންދުނުކުރައްވާނެ ކަމަށާއި އަދި ޝަރުޢީ ދާއިރާއަށް ސަރުކާރުން "އަތްނުބާނާނެކަމަށް" އެމަނިކުފާނުވެވަޑައިގެންފައިވާ ވަޢުދު ފުއްދަވާނެ ކަމަށެވެ. އަދި ސިޔާސީ އޮއިވަރުގައި ޖެހިވަޑައިގެން މުޖުތަމަޢުއަށް ގެއްލުންހުރި ބޮޑެތި ކުށްވެރިންނަށް ދޫނުދެއްވާނެ ކަމަށެވެ.
ސިޔާސީ ބޭނުމަށް އެންމެ ގިނަ ބައަކު ހައްޔަރުކުރުމުގެ ރެކޯޑް އޮތް ފަރާތްތަކުން ރައްޔިތުންނަށް އޮޅޭނެ ގޮތަށް ބޮޑެތި ކުށްވެރިން މިނިވަންކުރުމުގެ ވާހަކަތައް ދައްކަމުން ގެންދާކަން ގިނަބައަކު ފާހަގަކުރެއެވެ.