ބަވަނަވެފައިވާ ދުނިޔޭގައި ފެތުރެމުންދާ އިސްލާމް ދީނާ ދެކޮޅު އޮއިވަރުތަކުގައި ނުޖެހުމަށް ސަމާލުކަން ދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޒުވާނުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ޒުވާނުންނާއިއެކު ބޭއްވެވި "ކޮފީ" ބައްދަލުވުމުގައެވެ.
އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަކީ ދީނީ އަދި ޤައުމީ ވިސްނުންފުޅުގައި ކަންކަން ކުރައްވާ ބޭފުލަކަށްވުމުން ޒުވާނެއްގެ ގޮތުގައި ހުންނެވިނަމަވެސް މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އަޅުގަނޑުމެން އެންމެ ލޯބިވާ އިސްލާމްދީނާއި ދީނުގެ ޢަޤީދާ ދުރަށް ބައެއް ޒުވާނުންނަށް ފިޔަވަލުތައް އެޅެމުންދަނީ ނުއެނގި، ނުވިސްނިތިބެ ކަމަށާއި އެކަމަށް ހޭލުންތެރިވާންޖެހޭ ކަމަށެވެ.
"މިކަން އެހައި ގޯސްކަމަކަށް ނުވާނޭ! މިއީ ކޫލްކަމެކޭ! ވިސްނި ގޯޅިއަޅައިގެންދާ ކުދިން އެބަތިބޭ! މިކަމުގަ ނޭނގި ވަރަށް ސީރިޔަސް ލެވެލަކަށް ގޮސްފަ ތިބި ކުދިންވެސް އެބަތިބި! އަޅުގަނޑަކީ ޒުވާނަކަށް ހުރިނަމަވެސް ދީނާ އަޤީދާ އާއި ގުޅުން ހުރި މިފަދަ ކަންކަމުގައި ގޯޅިއެޅިގެން ގޮސްފައި ތިބި ކުދިން އަނބުރާ ރަނގަޅު މަގަށް ގެންނަން ވަރަށް ބޮޑަށް ވިސްނާނެ!"
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެނގިހުރެ ޤަޞްދުގައި ދިވެހި އެއްވެސް ޒުވާނަކު މަގުފުރެދިގެން ނުދާނެކަމަށާއި އެބާވަތުގެ ކަންކަމުގެ ތެރެއަށް ވަދެވެނީ ތަފާތު ޕްރެޝަރުތައް ބޮޑުވުމުން ނުއެނގިތިބެ ކަމަށެވެ.
"އެގޮތަށް ކަންކަން ވެގެން ދިއަނުދިނުމަށް އަޅުގަނޑު ކިޔަވަން އުޅުނުއިރުގަވެސް ވިސްނިން. އެކުގައި އިނގިރޭސިވިލާތުގައި ކިޔަވަންއުޅުނު ކުދިން އެއްތަނެއްގައިތިބެ އެއިރުވެސް މިކަންކަމަށް މަޝްވަރާކުރިން! އަދި އެނބުރި ރާއްޖެއައިސް މިކަންކަމަށް މަސައްކަތްކުރަންވެސް ނިންމިން!" ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވާ ދީނީ، އަދި ޤައުމީ މަސައްކަތްޕުޅުތަކަށް ކާމިޔާބު ލިބުމަށް ގިނަ ބައަކު އެދެއެވެ.