ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއެކު ކުރިއަށްގެންދިޔަ ބައްދަލުވުމުގައި، ޓެކްސީ ޚިދުމަތުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ލިބި، އެދެވޭ ނަތީޖާއެއް ފެންނާނެކަމުގެ އުއްމީދު ބޮޑުވެފައިވާ ކަމަށް ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނުން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ޓެކްސީގެ ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ޙައްލުކުރެވޭނެ ގޮތްތަކާއި، މި ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެފަރާތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.
މި ބައްދަލުވުމަށްފަހު ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަންގެ ރައީސް އިބްރާހީމް ނިޔާޒް ވިދާޅުވީ، ރައީސްއާއެކު ކުރިއަށްދިޔަ މަޝްވަރާތަކަކީ ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކަމަށެވެ. އަދި މި ބައްދަލުވުމުގެ ސަބަބުން މައްސަލަތަކަށް ހައްލު ލިބޭނެ ކަމުގެ އުއްމީދު އައުވެގެން ގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ކަންބޮޑުވުންތައް އަޑުއައްސަވާފަ ރައީސްވަނީ ވަރަށް އުއްމީދީ އަދި ވަރަށް އުފާވެރި ޖަވާބުތަކެއް ދެއްވި. އަދި ވަރަށް ބިނާކުރަނިވި ޚިޔާލުތަކެއްކަމަށް އަދި ޑްރައިވަރުން ފާހަގަކުރީ ހަގީގަތުގައިވެސް މިތަނުގައި ދިމާވެފައިވާ މައްސަލަތައްކަމަށް ރައީސް ވިދާޅުވި" ނިޔާޒް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޓެކްސީ ޑްރައިވަރުން ވަނީ ސަރުކާރުން ތަޢާރަފްކުރަން ނިންމާފައިވާ ޓެކްސީ ލައިނާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ރައީސާ ހިއްސާކޮށްފައެވެ. މީގެ އިތުރުން، ޓެކްސީތަކުގައި މީޓަރު ތަޢާރަފްކުރުމާއި، މަގުމަތީގެ ޓްރެފިކް ބާރުބޮޑުވުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކުގެ އިތުރުން، ޓެކްސީތަކަށް އެކަށީގެންވާ ޕާކިންގ ޖާގަ ނެތުމުގެ މައްސަލަވެސް ވަނީ ފާހަގަކޮށްފައެވެ.
ސަރުކާރުން ޓެކްސީ ޚިދުމަތް ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާއިރު، ޑްރައިވަރުންގެ މި ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، ކުރިއަށް އޮތް ތަނުގައި މި ދާއިރާއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.