މާފުށިން 4،817 ބަނގުރާފުޅި އަތުލައިގަނެ 20 މީހަކު ހައްޔަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
މާފުށިން 4،817 ބަނގުރާފުޅި އަތުލައިގަނެ 20 މީހަކު ހައްޔަރުކޮށްފި

ކ. މާފުށީގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަންތަކެއްގައި 4,817 ބަނގުރާފުޅި އަތުލައިގަނެ، 20 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑްރަގް އެންފޯސްމަންޓްގެ ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސްއާ ހަވާލުވެ ހުންނެވި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިހު މުހައްމަދު ވިދާޅުވީ، އަތޮޅުތެރޭގައި މަސްތުވާތަކެއްޗާއި ބަނގުރަލުގެ މުޢާމަލާތްތައް މަދުކުރުމަށްޓަކައި މިއަހަރުގެ ފެބްރުވަރީ މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް ޖުމްލަ ހަތް އަތޮޅެއްގައި ޚާއްޞަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ފާތިހު ވިދާޅުވި ގޮތުގައި މި މުއްދަތުގެ ތެރޭގައި ހިންގި އޮޕަރޭޝަންތަކުގައި ޖުމްލަ 4,998 ބަނގުރާފުޅި އަތުލައިގަނެފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެފައިވަނީ މާފުށިންނެވެ. މާފުށީގައި ހިންގި އޮޕަރޭޝަންތަކުގައި 13 ތަނެއް ބަލައިފާސްކޮށް، 20 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، މިއީ އެހެން ސަރަހައްދުތަކާ އަޅައިބަލާއިރު އެންމެ ގިނަ އަދަދަކަށް މީހުން ހައްޔަރުކުރި ރަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މުޅި ރާއްޖޭގެ އަތޮޅުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަންތަކުގެ ތެރެއިން ޖުމްލަ 32 ތަނެއް ބަލައި ފާސްކޮށް، 61 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. މީގެ އިތުރުން، މި އޮޕަރޭޝަންތަކުގައި ހުރިހާ ސަރަހައްދަކުން ޖުމްލަ 12.18 ކިލޯގްރާމުގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މިއަދު އޮންލައިން