ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަޝްރޫއު ކުރިއަށްދަނީ ކުނި އަޅައިގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގުކޮށްފިއެވެ. އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ވިދާޅުވީ، އެ ސަރަހައްދު ހިއްކުމުގައި ބޭނުންކުރަނީ އާންމު ކުނި ނޫން ކަމަށާއި، އެއީ އިމާރާތްކުރުމުގެ ދާއިރާއިން އުފެދޭ ތަކެތި ނުވަތަ ސީއެންޑީ ކަމަށެވެ.
މި މަޝްރޫއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޒުހައިރު ވިދާޅުވީ، ފޭސް 3 ހިއްކުމަށް ބޭނުންކުރާ ސީއެންޑީ އަކީ ވަރަށް ބޮޑަށް ބަލައި، އޭގެތެރޭގައި ހިމެނޭ ބައިތައް ވަކިކޮށްގެން (ސެގްރިގޭޓްކޮށްގެން) ބޭނުންކުރާ ތަކެތި ކަމަށެވެ. އަދި އެތަކެތި އެޅުމުގެ ކުރިންވެސް އިތުރަށް ބަލައި ޗެކްކުރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސީއެންޑީ ކުންޏަކީ އިމާރާތްތަކާއި، މަގުތަކާއި، ފާލަންތައް ފަދަ އޮނިގަނޑުތައް ބިނާކުރުމާއި، މަރާމާތުކުރުމާއި، ނައްތާލުމުގެ ސަބަބުން އުފެދޭ ތަކެތި ނުވަތަ ކުނިތަކެވެ. މިފަދަ ތަކެތީގެ ތެރޭގައި ސިމެންތި، ލަކުނޑި، ދަގަނޑު، ޑްރައިވޯލް، އަދި ގާފަދަ ބަރު ތަކެތި ހިމެނެއެވެ. މި ތަކެތި ވަކިކޮށް، މަޝްރޫޢުތަކުގައި އަލުން ބޭނުންކުރުމަކީ ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ރިސައިކަލް ކުރެވޭނެ މަގަކަށް ވާއިރު، މީގެ ސަބަބުން ކުނިގޮނޑުތަކަށް ކުރިމަތިވާ ބުރަ ކުޑަވެ، ގުދުރަތީ ވަސީލަތްތަކަށް އޮންނަ ބޭނުން ކުޑަވެގެންދެއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، "ކުނި އަޅައިގެނެއް ނޫން ހިއްކަމުން މިގެންދަނީކީ. އަޅުގަނޑުމެން މިތަނަށް މިއަޅަނީ ސީއެންޑީ. ސީއެންޑީ އަޅުގަނޑުމެން އަޅާއިރުވެސް އަޅުގަނޑުމެން މިއަޅަނީ ސީއެންޑީ މިކޮޅަށް ގެނެސް ސެގްރިގޭޓްކޮށްފައި އަދި އެޅުމުގެ ކުރިން ސެގްރިގޭޓްކޮށްފައި." ކަމަށެވެ.
އެޗްޑީސީން މިކަން ސާފުކޮށްދީފައި މިވަނީ، ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތުގައި ތިމާވެއްޓަށް ގެއްލުންވާ ފަދަ ގޮތަކަށް ކުނި ބޭނުންކުރާ ކަމަށް ބުނެ އާންމުންގެ މެދުގައި ބައެއް ޝަކުވާތައް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.