މިއަހަރުގެ ޑިސެންބަރު މަހާއި އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް ރާއްޖެއިން ޖުމްލަ 7،726 މީހުން ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ. ޝަހީމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މަޢުލޫމާތުތަކުގައިވާ ގޮތުން، މި ދެ މަސްދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިން ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރާނެއެވެ. މިއީ ސްކޫލް ބަންދާއި ދިމާކޮށް ގިނަ ބަޔަކު ޢުމްރާއަށް ދާ ދުވަސްވަރެކެވެ.
މި ދައުރުގެ ތެރޭގައި ޢުމްރާއަށް ދާ އެންމެ ފުރަތަމަ ގްރޫޕް މައްކާއަށް ފުރާފައިވަނީ މި ހިނގާ ޑިސެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 262 ޢުމްރާވެރިން ވަނީ ފުރާފައެވެ.
މި ދަތުރުތަކުގެ ތެރެއިން އެންމެ ފަހު ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖަނަވަރީ މަހުގެ 9 ވަނަ ދުވަހުއެވެ. އެ ދުވަހު 298 ޢުމްރާވެރިން ފުރަން ވަނީ ހަމަޖެހިފައެވެ.
ޢުމްރާވެރިންގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.