13 އަހަރުގެ ކުއްޖާ މަރާލިކަމަށް ތުހުމަތުކުރެވުނު 17 އަހަރުގެ ކުއްޖާގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
13 އަހަރުގެ ކުއްޖާ މަރާލިކަމަށް ތުހުމަތުކުރެވުނު 17 އަހަރުގެ ކުއްޖާގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވެއްޖެ

ހުޅުމާލެ ފޭސް 2 ގެ ފަޅުތެރޭ މޫދުގައި އޮތް ލަގެޖް ފޮއްޓެއްގެ ތެރެއިން 13 އަހަރުގެ ކުޑަކުއްޖެއްގެ ހަށިގަނޑު ފެނުނު މައްސަލާގައި، ކުއްޖާ މަރާލިކަމަށް ތުހުމަތުކުރެވުނު 17 އަހަރުގެ ކުޑަކުއްޖެއްގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން ނިންމައިފިއެވެ.

މި މައްސަލާގައި އޭރު ކުޑަކުއްޖެއްގެ ގޮތުގައި ހުރި ނަމަވެސް މިހާރު ބޮޑުވެފައިވާ އެ މީހާގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލާފައެވެ.

އޭނާގެ މައްޗަށް ދައުވާ އުފުލީ 2021 ޖޫން 22 ދުވަހުގެ ރޭގެ ދަންވަރު 02:00 ހާއިރު، ހުޅުމާލެ ފޭސް 2 ގެ ފަޅުތެރޭ މޫދުގައި އޮތް ލަގެޖް ފޮއްޓެއްގެ ތެރެއިން 13 އަހަރުގެ ކުޑަކުއްޖެއްގެ ހަށިގަނޑު ފެނުނު މައްސަލާގައެވެ. އޭރު އުމުރުން 17 އަހަރުގެ އެ ކުއްޖާގެ މައްޗަށް ޖުވެނައިލް ކޯޓަށް ހުށަހެޅީ ޤަޞްދުގައި މީހަކު މެރުމާއި، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާއެވެ.

ޖުވެނައިލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން، ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 16 އަހަރާ 10 މަހާއި 7 ދުވަހަށް ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ނަމަވެސް، ހުކުމްކުރުމުގެ ކުރިން ބަންދުގައި ހޭދަކުރި 4 އަހަރާއި 6 މަހާއި 2 ދުވަސް އުނިކުރުމުން، އޭނާ ތަންފީޛުކުރަންޖެހޭ މުއްދަތަކީ 12 އަހަރާ 4 މަހާއި 5 ދުވަހެވެ. މީގެ އިތުރުން ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން 2 މަސް ދުވަހު ރޯދަ ހިފުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.

އަދި ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ އަދަބެއްގެ ގޮތުން 11 މަހާއި 9 ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 18 ދުވަހަށް ބަންދުކުރުމަށް ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލާގައި އިތުރު ބޮޑު މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެކޯޓުން ހުކުމެއް ކުރުމުން، މަރުގެ ދިޔައާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި އަލުން ޖުވެނައިލް ކޯޓަށް ހުށަހެޅުމަށް ވެސް ކޯޓުން ވަނީ އަންގާފައެވެ.

މިއަދު އޮންލައިން