ކުރިއަށް މިއޮތް 2 އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ބޮޑެތި ލުއިތަކެއް ދެއްވަން ރައީސް ނިންމަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ކުރިއަށް މިއޮތް 2 އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ބޮޑެތި ލުއިތަކެއް ދެއްވަން ރައީސް ނިންމަވައިފި

ކުރިއަށް މިއޮތް ދެ އަހަރަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، އެފަދަ ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިކަން އިޢުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ކުރިއަށް އޮތް ދެ އަހަރަކީ ކުދި ވިޔަފާރިތަކަށް ޚާއްސަ ލުއިތަކެއް ދިނުމަށް ކަނޑައަޅާފައިވާ މުއްދަތެއް ކަމަށެވެ. މި ލުއިތަކުގެ ތެރޭގައި ވިޔަފާރިވެރިން ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކުގެ އިތުރުން، ސަރުކާރުން އިސްވެ ކުރާ ގިނަ މަސައްކަތްތަކެއް ހިމެނޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"މިސާލަކަށް މީރާ، ކަސްޓަމްސް، ޕޯޓް، އެއަރޕޯޓް، އަދިވެސް ވިޔަފާރިއާ ގުޅުންހުރި އެކިއެކި ފަރާތްތަކާ ވާހަކަ ދައްކައިގެން ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކުގެ އިތުރަށް ސަރުކާރުން އިސްވެ ކުރާ މަސައްކަތްތައްވެސް ހިމެނޭ،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، އަންނަ އަހަރު ކުދި ވިޔަފާރިތަކަށް ޚާއްސަކޮށްގެން 500 މިލިޔަން ރުފިޔާގެ ލޯނު ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ވޭތުވެދިޔަ ދެ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 595 ކުދި ވިޔަފާރިއަކަށް 349 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ލޯނުތައް ދޫކޮށްފައިވަނީ އަންހެނުންނަށް ޚާއްޞަ ލޯނާއި، މެރިކަލްޗާ، މަސްވެރިކަން އަދި ފަތުރުވެރިކަން ހިމެނޭހެން ޖުމްލަ 10 ދާއިރާއަކުންނެވެ.

އިޤްތިޞާދީ ވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި، މާލީ ވުޒާރާއިން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެކި ބިލްތަކަށް 13 ބިލިޔަން ރުފިޔާ ދައްކާފައިވާއިރު، އޭގެ ތެރެއިން 5 ބިލިޔަން ރުފިޔާއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދައްކާފައިވާ ފައިސާއެވެ. މި ފިޔަވަޅުތަކަކީ ކުދި ވިޔަފާރިތަކަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެއް ކަމަށް ސަރުކާރުން ދެކެއެވެ.

މިއަދު އޮންލައިން