މަޤާމަކަށް އައްޔަން ކުރާ ނުވަތަ އިންތިޚާބުވާ ރިޓަޔާޑް ފުލުހުންނަށް ރިޓަޔަމަންޓް އެލަވަންސް ނުލިބޭ ގޮތަށް ހަދައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 2ސ
މަޤާމަކަށް އައްޔަން ކުރާ ނުވަތަ އިންތިޚާބުވާ ރިޓަޔާޑް ފުލުހުންނަށް ރިޓަޔަމަންޓް އެލަވަންސް ނުލިބޭ ގޮތަށް ހަދައިފި

ދައުލަތުގެ މަޤާމަކަށް އައްޔަން ކުރާ ނުވަތަ އިންތިޚާބުވާ ރިޓަޔާޑް ފުލުހުންނަށް، އެ މަޤާމެއްގައި ދެމިތިބޭ މުއްދަތުގައި ރިޓަޔަމަންޓް އެލަވަންސް ނުލިބޭ ގޮތަށް ފުލުހުންގެ ރިޓަޔާމަންޓް ޤަވާއިދަށް އިސްލާޙު ގެނެސްފިއެވެ.

ފުލުހުންގެ ރިޓަޔާމަންޓް ޤަވާއިދަށް އަލަށް ގެނައި މި އިސްލާޙުގައިވާ ގޮތުން، މަހުން މަހަށް ދޭ ޢިނާޔަތް ލިބޭ މީހަކު ދައުލަތުގެ މަޤާމަކަށް އިންތިޚާބުވެއްޖެނަމަ، ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާއަކަށް އަތުވެއްޖެނަމަ، އެ މަޤާމުގައި ދެމިހުންނަ މުއްދަތެއްގައި އެ މީހެއްގެ ރިޓަޔާމަންޓް އެލަވަންސް މެދުކެނޑޭނެއެވެ. އަދި އެ އެލަވަންސް އަލުން ދޫކުރަން ފަށާނީ، ރިޓަޔަރ ކުރުމަށްފަހު އަދާކުރަން ފެށި ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެން ކަމަށްވެސް އެ ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ރިޓަޔަރ ކުރާ ފަރާތްތަކަށް އަލުން މަޤާމެއް ލިބިފައިވާނަމަ، އެކަން ފުލުހުންގެ އިދާރާއަށް ލިޔުމުން އަންގަން ޖެހޭނެ ކަމަށް އައު ޤަވާއިދުގައިވެއެވެ. ވަޒީފާ ލިބުމުން އެކަން ނާންގައި އޮތުމުގެ ސަބަބުން، އެފަދަ ވަޒީފާއެއްގައި ހުރި މުއްދަތުގައި އެ ފަރާތަކަށް ރިޓަޔަރމަންޓް ޢިނާޔަތް ދޫކުރެވިއްޖެނަމަ، ފުލުހުން އަންގާ ގޮތެއްގެ މަތިން ޕެންޝަން އޮފީހަށް އެ ފައިސާ އަނބުރާ ފޮނުވަން ޖެހޭނެއެވެ.

މީގެ އިތުރުން، ރިޓަޔަރ ކުރާ ފަރާތަކުން އެހެން ވަޒީފާއަކަށް ދިއުމަށްފަހު އެ ވަޒީފާއިން ވަކިވާއިރު އިތުރު ރިޓަޔަރމަންޓް ޕެކޭޖެއް ހަމަޖައްސައިދޭނަމަ އެ ޕެކޭޖު އިޚްތިޔާރު ކުރަންވާނެ ކަމަށްވެސް ޤަވާއިދުގައިވެއެވެ. ނަމަވެސް، އެފަދަ ޕެކޭޖެއް އިޚްތިޔާރު ކުރުމަށްފަހު، ފުލުހުންގެ ރިޓަޔަރމަންޓް ޢިނާޔަތް ދެން ނުލިބޭނެ ކަމަށް އިސްލާޙުގައި ބަޔާންކޮށްފައިވެއެވެ.

މި ބަދަލަކީ ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބަވާ ރިޓަޔާޑް ބޭފުޅުންނަށް މަޤާމުގެ މުސާރައިގެ އިތުރުން ރިޓަޔަމަންޓް އެލަވަންސް ލިބޭތީ އާންމުންގެ މެދުގައި އޮތް ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން ގެނައި ބަދަލެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ވިދާޅުވެފައިވަނީ، މި މައްސަލައަށް ހައްލެއް ގެނައުމަށް ސިފައިންނާއި ފުލުހުންގެ އިތުރުން ސިވިލް ސާރވިސްގެ ޤަވާއިދުތަކަށްވެސް ބަދަލު ގެންނަވާނެ ކަމަށެވެ.

ރައީސް މިހެން ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. މި އިސްލާޙާއެކު، އެއް މީހަކަށް ދައުލަތުގެ ބަޖެޓުން ދެ ޢިނާޔަތެއް ލިބުން ހުއްޓުމަކަށް އަންނާނެއެވެ.

މިއަދު އޮންލައިން