ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުޙައްމަދު ޝަމްޢާން ވަޙީދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. ޝަމްޢާން ބަންދުން ދޫކޮށްލާފައިވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކާ ގުޅިގެން މައިގަނޑު ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާތީއެވެ.
ކްރިމިނަލް ކޯޓުން މިގޮތަށް ނިންމީ، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު މިހާރު ކުޑަވެފައިވާ ކަމަށް ފެންނާތީ، ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް ދައުލަތުން ކޯޓުގައި އެދުމާ ގުޅިގެންނެވެ. ދައުލަތުގެ އެދުމުގެ މަތިން ކޯޓުން ޝަމްޢާން ދޫކޮށްލި ނަމަވެސް، އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.
ޝަމްޢާން ހައްޔަރުކޮށްފައިވަނީ މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީންގެ އަތުން ފައިސާ ހޯދަމުން އައިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ. އޭނާ މަޤާމުން ވަކިކުރުމުގެ ކުރިން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.
މި މައްސަލައިގެ ތަޙުޤީޤަށް ޝަމްޢާންގެ ގެ ބަލައި ފާސްކުރިއިރު، 257,475 ރުފިޔާ އާއި 10,000 ޑޮލަރު ގެ އިތުރުން ބައެއް އެހެން ޤައުމުތަކުގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނު ފެނިފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި މި ފައިސާއަކީ ބިދޭސީންގެ އަތުން ނަހަމަ ގޮތުގައި ހޯދާފައިވާ ފައިސާއެވެ.