ތ. މަޑިފުށީގައި ފުލުހުންގެ ޚިދުމަތް ދިނުމަށް ބޭނުންވާ އެއްގަމު އުޅަނދެއް އެ ރަށަށް ފޮނުވައިފިއެވެ. މިއީ އެ ރަށުގައި ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދެވުނު މުހިންމު ފިޔަވަޅެކެވެ.
މިއަހަރު ނިމުމުގެ ކުރިން މަޑިފުއްޓަށް ފުލުހުންގެ އެއްގަމު އުޅަނދެއް ފޮނުވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އެރަށު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދެކެވެ. ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދާއި އެއްގޮތަށް އެރަށަށް މިއުޅަނދު ގެންދިއުމަކީ އެރަށުގައި ފުލުހުންގެ ޚިދުމަތް ދިނުމަށް މިހާރު ދިމާވެފައިވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމެއް ކަމަށް އެރަށު ރައްޔިތުން ޤަބޫލުކުރެއެވެ.
ތ. މަޑިފުއްޓަށް ގެންގޮސްފައިވާ ފުލުހުންގެ ކާރަކީ ފުލުހުން ޚިދުމަތުގައި ބޭނުން ކުރާ އުޅަނދުތަކުގައި އާންމުކޮށް ހުންނަ ސަލަމާތީ ހުރިހާ ވަސީލަތެއް ޤާއިމްކޮށްފައިވާ އުޅަނދެކެވެ. މި އުޅަނދުގެ ސަބަބުން ރަށުގެ އަމާންކަން ބެލެހެއްޓުމަށާއި، ކުއްލި ހާލަތްތަކުގައި ފުލުހުން ރެސްޕޮންޑް ކުރާ ދުވެލި އަވަސްވެގެންދާނެއެވެ.
މަޑިފުށީގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް، ވަސީލަތްތައް އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.