މާލޭގެ ބާޒާރުމަތީ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، އެއްގަމު ތޮށި ތަރައްޤީ ކުރުމަށްޓަކައި ޝީޓް ޕައިލްކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
މި މަޝްރޫޢުގެ ކުރިއެރުމާ ގުޅޭގޮތުން އެމްޓީސީސީ އިން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މިހާރު ހުރި ކީ-ވޯލް ނުވަތަ އެއްގަމު ތޮށި ތަޅާލުމުގެ 65 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ސެޓްލްމަންޓް ޓޭންކްތައް ހަރުކުރުމުގެ 40 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ ނަރުދަމާ އާއި ފެން ހޮޅި އެޅުމުގެ މަސައްކަތްތައް މި ހަފްތާގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީ އިން ލަފާކުރެއެވެ. މި މަސައްކަތްތަކަކީ މަގު ހެދުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މުހިންމު އުމްރާނީ ވަސީލަތްތަކެކެވެ.
އެމްޓީސީސީ އިން ބުނި ގޮތުގައި މި މަޝްރޫޢަކީ މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަވާނެ ފަދަ ޒަމާނީ ބަދަލުތަކެއް ގެނައުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިގޮތުން މަގުތައް ފުޅާކުރުމުގެ ސަބަބުން ޓްރެފިކް ތޮއްޖެހުމަށް ހައްލެއް ލިބިގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން އަލަށް ގާއިމުކުރެވޭ ފެންހިންދާ ނިޒާމުގެ ސަބަބުން، ބޯކޮށް ވާރޭވެހޭ ދުވަސްވަރު މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، މަގު ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި އަދި ވަރުގަދަ އުމްރާނީ ވަސީލަތްތަކެއް ކަށަވަރުވެގެންދާނެ ކަމަށް އެމްޓީސީސީ އިން ފާހަގަކުރެއެވެ.