ގދ. ފަރެސްމާތޮޑާގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ބޮޑު މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.
މި މަޝްރޫޢަކީ ޖުމްލަ 142.67 މިލިއަން ރުފިޔާ އަށް 270 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މަޝްރޫޢުގެ ދަށުން ފަރެސްމާތޮޑާގެ 18 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
ގާތްގަނޑަކަށް 1800 މީހުންގެ އާބާދީއެއް އޮންނަ ފަރެސްމާތޮޑާއަކީ ޒަމާނުއްސުރެ ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ރަށެކެވެ. މި މަޝްރޫޢުގެ ސަބަބުން ރަށުގެ ބިން އިތުރުވެ، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއެކު ރަށަށް އުދައެރުމާއި ރަށް ގިރުމުގެ މައްސަލައަށްވެސް ބޮޑު ހައްލެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ދަތުރުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ. ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ އަދި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ.