ފިންގާ ޕްރިންޓް ނަގާފައިވާ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމުގެ ބޮޑު މަސައްކަތެއް ޖެނުއަރީގައި ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
ފިންގާ ޕްރިންޓް ނަގާފައިވާ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމުގެ ބޮޑު މަސައްކަތެއް ޖެނުއަރީގައި ފަށަނީ

ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށްޓަކައި ކުރިއަށްގެންދާ ޚާއްސަ މަސައްކަތުގެ ބޮޑު މަރުހަލާއެއް އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފެށޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވަޒީރު އިހުސާން ވިދާޅުވީ، އަންނަ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ކުރިއަށްދާ މި މަސައްކަތުގެ ދަށުން، މިހާރު ފިންގާ ޕްރިންޓް ނަގާފައިވާ މީހުންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމުގެ ފުރުޞަތު ހުޅުވާލެވޭނެ ކަމަށެވެ. މި މަރުހަލާގައި، ރަސްމީ ގޮތުން ހަވާލުވާނެ މީހަކު ނެތް ބިދޭސީންނާއި ފިލައިގެން އުޅޭ މީހުންނަށް ސައްޙަ ވޯކް ޕާމިޓް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހިފާ ހައްޔަރުކޮށް ޑީޕޯޓް ކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް އަންނަ އަހަރުގެ އޭޕްރީލް 2 އިން ފެށިގެން 2027 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މިފަދަ އޮޕަރޭޝަންތައް ކުރިއަށްގެންދަނީ ރައްޔިތުންގެ ފަރާތުން ތަންފީޒީ އިދާރާތަކަށް އޮންނަ އިތުބާރު އަލުން ހޯދައިދިނުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިހުސާން ވިދާޅުވީ "އަޅުގަނޑުމެން މި އޮޕަރޭޝަން އަސްލު މި ކުރިއަށްގެންދަނީވެސް މައްސަލަ ހައްލުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަން ރައްޔިތުންނަށް އިހުސާސްކޮށްދިނުމަށް. އެ މައްސަލަ ހައްލުވާނެ ކަމުގެ ޔަގީންކަން ނުވަތަ އިދާރާތަކުން މި މައްސަލަ ހައްލުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަން ރައްޔިތުންނަށް ހޯދައިދިނުން." ކަމަށެވެ.

މި ސަރުކާރުގެ 5 އަހަރުގެ ދައުރު ނިމިގެންދާއިރު، ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށްވެސް ވަޒީރު އިހުސާން ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން