މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ރާއްޖެއަށް އެތެރެކުރަން އުޅުނު 30 މިލިއަން ރުފިޔާއަށްވުރެ އަގުހުރި ހަޝީޝް އޮއިލް ފުޅިތަކެއް އަތުލައިގަނެފިއެވެ. މި ތަކެތި އަތުލައިގަނެފައިވަނީ ކަސްޓަމްސްއިން ބަލައިފާސްކުރި ޝިޕްމެންޓެއްގެ ތެރެއިންނެވެ.
ކަސްޓަމްސްއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި މަސްތުވާތަކެތި ފެނިފައިވަނީ ޝިޕްމެންޓެއްގައި ހުރި ޗޮކޮލެޓް ސިރަޕު ފުޅިތަކެއް ސްކޭންކޮށް ބެލުމުގެ ތެރޭގައެވެ. ސްކޭން ކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވިގެން، އެ ތަކެތި ލެބޯޓަރީއަށް ފޮނުވައިގެން ތަހުލީލު ކުރިއިރު، އެ ފުޅިތަކުގައި ހުރީ ހަޝީޝް އޮއިލްކަން ވަނީ ކަށަވަރު ކުރެވިފައެވެ.
މި އޮޕަރޭޝަނުގައި އަތުލައިގަތް ހަޝީޝް އޮއިލްގެ ބަރުދަނުގައި 40 ކިލޯއަށްވުރެ އިތުރުވާނެ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަދި މި ތަކެތީގެ މަގުމަތީ އަގު 30 މިލިއަން ރުފިޔާއަށްވުރެ މަތިވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މި ތަކެތި އެތެރެކުރުމަށް ބޭނުންކޮށްފައިވާ އުކުޅުތަކަށް ބަލާއިރު، ކޮންމެ ޗޮކޮލެޓް ސިރަޕު ފުޅިއެއްގައި 1.10 މިލިމީޓަރާއި 1.40 މިލިމީޓަރާ ދެމެދުގެ މިންވަރަކަށް ހަޝީޝް އޮއިލް އަޅާފައި ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. ކަސްޓަމްސްއިން މިހާރު އަންނަނީ މި ތަކެތި އިތުރަށް ޓެސްޓުކޮށް، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.