އައްޑޫ ސިޓީ މަރަދޫގައި ސަރުކާރުގެ ޚަރަދުގައި އަލަށް ޢިމާރާތް ކުރި މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މިއަދު ހުކުރު ނަމާދުގެ ކުރިން ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އެވެ.
މަރަދޫގައި އަލަށް ހުޅުވި މި މިސްކިތަށް ދީފައިވާ ނަމަކީ "މަސްޖިދުއްރައްޔާން" އެވެ. މިއީ އެއްފަހަރާ 500 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ އޮތް، ޒަމާނީ ފެންވަރަށް ބިނާކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތް ހުޅުވުމާއެކު މަރަދޫގެ ރައްޔިތުންނަށް ނަމާދު ކުރުމުގައި ދިމާވަމުންދިޔަ ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު، މަސްޖިދުއްރައްޔާންގައި ކުރި ފުރަތަމަ ހުކުރު ނަމާދުގެ ޚުޠުބާ ދެއްވައި އިމާމުވެ ނަމާދު ކުރެއްވީ ވެސް ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އެވެ.
މި މިސްކިތަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މަރަދޫގެ އަބާދީއަށް އަންނަ ކުރިއެރުމާ އެއްވަރަށް ދީނީ ކަންކަމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ބިނާކުރި މިސްކިތެކެވެ. މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ ކައުންސިލަރުންނާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސް ބޭފުޅުންގެ އިތުރުން މަރަދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.