ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް ބިނާކުރި މިސްކިތް، މަސްޖިދުލްއީމާން މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި މިސްކިތް ހުޅުވާފައިވަނީ މިއަދުގެ ހުކުރު ނަމާދަށް ފަހުގައެވެ.
މި މިސްކިތުގައި ކުރެވުނު ފުރަތަމަ ހުކުރު ނަމާދު އިމާމުވެ ކުރެއްވީ ޒުވާން ޚަޠީބު އަލްޙާފިޒު ޢުވައިސް ބިން އިނާޒު އެވެ. މިސްކިތް ހުޅުވުމާއެކު އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މިއަދުގެ ހުކުރު ނަމާދުގައި ބައިވެރިވެފައެވެ.
މިއީ ޖުމްލަ 1200 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ޖާގަ އޮތް މިސްކިތެކެވެ. ތިން ފަންގިފިލާއަށް އިމާރާތްކޮށްފައިވާ މި މިސްކިތަކީ އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި ބިނާކޮށްފައިވާ ރީތި ބިނާއެކެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގިނަ އަދަދެއްގެ މީހުން މިހާރު ދިރިއުޅެމުންދާއިރު، އާ މިސްކިތްތައް ހުޅުވުމަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ނަމާދު ކުރުމުގައި ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.