ރ. މީދޫ ކައުންސިލާއި ބ. ތުޅާދޫ ކައުންސިލާއި ދެމެދު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ރ. މީދޫ ކައުންސިލާއި ބ. ތުޅާދޫ ކައުންސިލާއި ދެމެދު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ރ. މީދޫ ކައުންސިލާއި ބ. ތުޅާދޫ ކައުންސިލާ ދެމެދު ގުޅުން ބަދަހިކުރުމުގެ ގޮތުން ޚާއްޞަ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން، މީދޫ ރައްޔިތުންގެ ޝަރަފުގައި ބޭއްވި ޚާއްޞަ ޖާފަތެއްގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި ތުޅާދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް އެވެ. އަދި ރ. މީދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ރަށު ކައުންސިލްގެ ރައީސް ޙަސަން ޝަރީފް އެވެ.

ދެ ކައުންސިލްގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ދެ ރަށުގެ ފަންނުވެރިކަމާއި ހުނަރު އެއް ރަށުން އަނެއް ރަށަށް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، ފަންނުވެރިކަމުގެ އެކި ދާއިރާތަކުން ދެ ރަށުގެ ރައްޔިތުންގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމާއި، ކުޅިވަރުގެ ދާއިރާއިން ކުރެވެން ހުރި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން މި އެއްބަސްވުމުގައި ހިމެނެއެވެ.

ތުޅާދޫއާއި މީދޫއާ ދެމެދު ޒަމާނުންސުރެ އޮތް ގާތް ގުޅުން ދަމަހައްޓައި، އެ އެކުވެރިކަން އެއް ޖީލުން އަނެއް ޖީލަށް ފޯރުކޮށްދިނުމަކީވެސް މި އެއްބަސްވުމުގެ ބޮޑު ބައެކެވެ. ދެ ކައުންސިލުން ގުޅިގެން ކުރިއަށް ގެންދާނެ ކަންކަން ކަނޑައަޅައި، ދެ ރަށުގެ ދެމެދުގައި ވަނީ ފައްތޫރައިގައި ސިއްކަ ޖައްސަވާފައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، ދަތުރުގެ ހަނދާނީ ފިލާގެ ގޮތުގައި ރ. މީދޫ ކައުންސިލުން ވަނީ ތުޅާދޫ ކައުންސިލަށް ޚާއްޞަ ހަނދާނީ ފިލާއެއްވެސް އަރުވާފައެވެ. މި އެއްބަސްވުމާއެކު ދެ ރަށުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން