އަސާސީ ކާބޯތަކެތީގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވާ 23 ބާވަތެއް، ކުރިއަށް އޮތް ރަމަޟާންމަހު ރާއްޖޭގެ ހުރިހައި ސަރަހައްދެއްގައިވެސް ހެޔޮއަގެއްގައި ލިބެން ހުންނާނެކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ފާއިތުވި ދެ ރަމަޟާން މަހުވެސް ކާބޯތަކެތީގެ އަގުތައް ކުރީ އަހަރުތަކާ އަޅާބަލާއިރު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ. އަދި މިއަހަރުގެ ރަމަޟާންމަހުވެސް ތަކެތީގެ އަގުތައް އުފުލުނަ ނުދީ ހިފެހެއްޓުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަސައްކަތުގެ ދަށުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް މާލޭގެ އަތޮޅު ފިހާރަތަކާ ދިމާލުގައި މިހާރު ވަނީ ހޯލްސޭލް ސެންޓަރެއް ގާއިމްކޮށްފައެވެ. މި ސެންޓަރުގެ މައިގަނޑު ބޭނުމަކީ އަސާސީ ކާބޯތަކެތީގެ 23 ބާވަތް ހޯލްސޭލްކޮށް ފޯރުކޮށްދިނުމެވެ. މީގެއިތުރުން، ރަމަޟާންމަސް އަންނައިރު ހުޅުމާލޭގައިވެސް މިފަދަ ވަސީލަތްތައް ގާއިމްވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަތޮޅުތަކުގެ ރަށްތަކަށް މި ތަކެތި ފޯރުކޮށްދިނުމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ތިނަދޫ ސިޓީ ފަދަ ބޮޑެތި އާބާދީތަކުގައި އެސްޓީއޯގެ ސެންޓަރުތައް މެދުވެރިކޮށް މި ތަކެތި ލިބޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށެވެ. އަދި 3000 އަށްވުރެ ބޮޑެތި އާބާދީތަކަށް ސީދާ އެސްޓީއޯއިން ތަކެތި ފޯރުކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"މިހާރު ރައީސް ނިންމަވާފައިވަނީ، 3000 އިން މަތީގެ އާބާދީތަކަށް އެސްޓީއޯގެ މިދެންނެވި 23 ބާވަތް ޑައިރެކްޓްކޮށް ލިބޭނެ ގޮތަށް ކަށަވަރުކޮށްދިނުމާއި، 3000 އިން ދަށުގެ އާބާދީތަކުގައިވެސް އެޖެންޓުން މެދުވެރިކޮށް މި 23 ބާވަތް ލިބޭނެކަން ޔަޤީންކުރުން. އެ މަސައްކަތް މިހާރު އެސްޓީއޯއާއި އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް ކުރިއަށް މިގެންދަނީ،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.
މި މަސައްކަތަކީ ރަމަޟާންމަހު ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ދަތިކަމެއް ނެތި، ހެޔޮ އަގުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.