ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ ނައިބުރައިސް ފޮނުއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ ނައިބުރައިސް ފޮނުއްވައިފި

މިއަދު ފާހަގަކުރަމުންދާ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ދިވެހި އެންމެހައި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

ނައިބު ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މީގެ 21 އަހަރު ކުރިން 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ދުނިޔެ ދޫކުރި އަޚުންނާއި އުޚުތުންގެ ހަނދާންތައް އާކުރައްވާފައެވެ. އެމަނިކުފާނު ވަނީ އެ ކާރިސާގައި ނިޔާވި ފަރާތްތަކުގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި ދުޢާ ދަންނަވާފައެވެ.

ސުނާމީ ކާރިސާއަކީ ދިވެހި ތާރީޚުގައި ކުރިމަތިވި އެންމެ ހިތާމަވެރި އަދި ބިރުވެރި އެއް ހާދިސާއެވެ. ނަމަވެސް، އެ ކާރިސާއިން އަރައިގަތުމަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތްތަކަކީ ދިވެހީންގެ މެދުގައި އޮތް ބަދަހި ގުޅުމާއި އެއްބައިވަންތަކަން މުޅި ދުނިޔެއަށް ސާބިތުކޮށްދިން ނަމޫނާއެކެވެ.

ދިވެހިރާއްޖޭގައި ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ސުނާމީ ކާރިސާގެ ވަގުތުގައި ދިވެހި ރައްޔިތުން ދެއްކެވި އެކުވެރިކަމާއި، އެއްބައިވަންތަކަމުގެ މަތިވެރި ރޫޙު ދެމެހެއްޓުމުގެ މަޤްޞަދުގައެވެ.

މިއަދު އޮންލައިން