ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހަނިމާދޫ އިންޓަނޭޝަނަަލް އެއާޕޯޓު އަލުން ހުޅުވިފަހުން، ފުރަތަމަަ ފަހަރަށް އެ އެއާޕޯޓަށް ކޮމާޝަލް ޖެޓެއް މިއަދު ޖައްސައިފިއެވެ. މިއީ އެ އެއާޕޯޓުގެ ތާރީޚުގައި ބޮޑެތި ބޯޓުފަހަރަށް ޚިދުމަތް ދޭން ފެށުމުގެ މުހިންމު ފިޔަވަޅެކެވެ.
މީގެ 39 އަހަރު ކުރިން ތަރައްގީކުރި ހަނިމާދޫ އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓެއް ކަމުގައި ކުރިންވެސް ކަނޑައަޅާފައި އޮތް ތަނެކެވެ. ނަމަވެސް، އެއާޕޯޓުގެ ރަންވޭ ކުޑަވުމުގެ ސަބަބުން މީގެ ކުރިން އެ އެއާޕޯޓަށް ޖެއްސެނީ ހަމައެކަނި އޭޓީއާރް އަދި ޑޭޝް މަރުކާގެ މަތިންދާބޯޓުތަކަށެވެ. ބައިނަލްއަގުވާމީ ދަތުރުތަކުގެ ގޮތުގައި މީގެ ކުރިން ކުރަމުން އައީ ހަމައެކަނި އިންޑިއާގެ ޓްރިވެންޑްރަމާއި ހަނިމާދޫއާ ދެމެދު ކުރާ ދަތުރުތަކެވެ.
އިންޑިއާގެ އެހީތެރިކަމާއެކު ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ 136.6 މިލިއަން ޑޮލަރު ހަރަދުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން ރަންވޭ ބޮޑުކުރުމުގެ އިތުރުން، ޒަމާނީ ފެންވަރުގެ ފަސިންޖާ ޓާމިނަލަކާއި ބައިނަލްއަގުވާމީ އެއާޕޯޓަކަށް ބޭނުންވާނެ އެންމެހާ ވަސީލަތްތައް ވަނީ ގާއިމުކޮށްފައެވެ.
އޭވިއާ މޯލްޑިވްސްއިން މިއަދު މީސްމީޑިއާގައި އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި، ހަނިމާދޫ އެއާޕޯޓަށް ފުރަތަމަ ފަހަރަށް ކޮމާޝަލް ޖެޓެއް ޖެއްސި މަންޒަރު ފެނިގެންދެއެވެ. މިއީ އެއާޕޯޓުގެ އާ ރަންވޭގެ ފެންވަރު ވަޒަންކޮށްލެވޭ މުހިންމު ކުރިއެރުމެކެވެ.
ހަނިމާދޫ އެއާޕޯޓު މިހާރު ތަރައްގީކޮށްފައިވަނީ ވައިޑް ބޮޑީ މަތިންދާބޯޓުތަކުގެ އިތުރުން ޕްރައިވެޓް ޖެޓުތަކަށްވެސް ފަސޭހަކަމާއެކު ޖެއްސޭނެ ފެންވަރަށެވެ. މީގެ ސަބަބުން އުތުރުގެ ފަތުރުވެރިކަމަށް ބޮޑު ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.