އެކަނިވެރި މައިން ނުވަތަ ބަފައިންނަށް ދޭ އެލަވަންސް 12 ހާސް ރުފިޔާއަަށް ބޮޑުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
އެކަނިވެރި މައިން ނުވަތަ ބަފައިންނަށް ދޭ އެލަވަންސް 12 ހާސް ރުފިޔާއަަށް ބޮޑުކޮށްފި

އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ސަރުކާރުން ދެމުން އަންނަ މާލީ އެހީގެ މިންވަރު 12,000 ރުފިޔާއާ ހަމައަށް ބޮޑުކޮށްފިއެވެ. މި ބަދަލަކީ އެކަނި ދަރިން ތަރުބިއްޔަތު ކުރުމުގެ ޒިންމާއާ ހަވާލުވެ ތިބި ފަރާތްތަކަށް މާލީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކަށް ލުޔެއް ހޯދައިދިނުމުގެ މަގުސަދުގައި ގެނައި ބަދަލެކެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އެކަނިވެރި މައިންނާއި ބަފައިންނަށް އިނާޔަތް ދިނުމުގެ އުސޫލަށް ގެނައި މި ބަދަލާއެކު، ގިނަވެގެން ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް ދޭ އެލަވަންސް ވަނީ ބޮޑުކޮށްފައެވެ. ކުރިން ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް ދެމުން އައީ 2,000 ރުފިޔާ ނަމަވެސް، މިހާރު ކޮންމެ ކުއްޖަކަށް 3,000 (ތިންހާސް) ރުފިޔާ ލިބޭނެއެވެ.

މި އައު އުސޫލުގެ ދަށުން ހަތަރު ކުދިން ތިބޭ އާއިލާއަކަށް މަހެއްގެ މައްޗަށް ޖުމްލަ 12,000 ރުފިޔާގެ އެހީއެއް ލިބިގެންދާނެއެވެ. 

އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ ތެރެއިން ހަތަރު ކުދިންނަށް ވުރެ ގިނައިން ރަޖިސްޓްރީކުރެވިފައިވާ އާއިލާތަކަށްވެސް މި ބަދަލާއެކު އެހީ ފޯރުކޮށްދެވޭނެއެވެ. އެގޮތުން ހަތަރު ކުދިންނަށް ވުރެ ގިނައިން ތިބި ކުދިންނަށް، ކޮންމެ ކުއްޖަކަށް މިހާރެކޭ އެއްފަދައިން މަހަކު 1,000 (އެއްހާސް) ރުފިޔާގެ މަގުން އެހީ ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.

މި އިނާޔަތަށް ގެނެވުނު ހެޔޮ ބަދަލަކީ އެކަނި ދަރިން ތަރުބިއްޔަތު ކުރުމުގެ ބުރަ ޒިންމާ އުފުލަމުންދާ މަންމައިންނާއި ބައްޕައިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން