ހުޅުމާލޭ ފޭސް 2 ގެ ހިޔާ ޕާކުގައި ފޮތް ކިޔުމަށް ހާއްސަކޮށް "ރީޑިން ނުކް" އެއް ގާއިމުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ހުޅުމާލޭ ފޭސް 2 ގެ ހިޔާ ޕާކުގައި ފޮތް ކިޔުމަށް ހާއްސަކޮށް "ރީޑިން ނުކް" އެއް ގާއިމުކޮށްފި

ހުޅުމާލޭ ފޭސް 2 ގެ ހިޔާ ޕާކުގައި ފޮތް ކިޔުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން "ރީޑިން ނުކް" އެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގާއިމުކޮށްފިއެވެ.

އެޗްޑީސީން މައުލޫމާތު ދެއްވާ ގޮތުގައި މިއީ ހިޔާ ޕާކު ސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތަކަށް، އެ ސަރަހައްދުގެ ހިތްގައިމު މާހައުލުގައި ތިބެގެން ހިތްހަމަޖައްސާލައި ފޮތް ކިޔޭނެ މަގުފަހިކޮށްދިނުމުގެ މަގްސަދުގައި ގާއިމްކުރި ތަނެކެވެ. މި ތަނުގެ ސަބަބުން އާންމުންގެ މެދުގައި ފޮތް ކިޔުމުގެ އާދަ އަށަގަންނުވައި، މުނިފޫހިފިލުވުމުގެ ތެރެއިން އުނގެނުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މި ރީޑިން ނުކްގައި ހުރިހާ އުމުރުފުރާއެއްގެ ކިޔުންތެރިންނަށްވެސް ބޭނުންކުރެވޭނެ ފަދަ ތަފާތު މައުޟޫއުތަކުގެ ދިވެހި އަދި އިނގިރޭސި ފޮތްތައް ލިބެން ހުންނާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އެގޮތުން، އެއް އަހަރާއި ހަ އަހަރާ ދެމެދުގެ ކުދިންނަށާއި، ހަ އަހަރާއި ދިހަ އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަ ފޮތްތައް މި ސަރަހައްދުން ފޯރުކޮށްދެވޭނެއެވެ.

މީގެ އިތުރުން، ޒުވާނުންނަށް ހާއްސަ ޓީން ފިކްޝަން ފޮތްތަކާއި، ދިވެހި ބަސް އުނގެނުމަށް އެހީތެރިވާ ފޮތްތަކުގެ އިތުރުން، ކެއްކުމާއި ލައިފްސްޓައިލް އަދި ދީނީ މައުލޫމާތު ހިމެނޭ ފޮތްތައްވެސް މި ނުކްއިން ލިބެން ހުންނާނެއެވެ. މިއީ ތަފާތު ދާއިރާތަކުން މައުލޫމާތު މުއްސަނދި ކުރުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ.

ހިޔާ ޕާކުގައި ގާއިމުކޮށްފައިވާ މި ރީޑިން ނުކް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 08:30 އިން ރޭގަނޑު 08:00 އަށެވެ. މި ވަގުތުތަކުގައި ޕާކަށް ޒިޔާރާތްކުރާ ކޮންމެ މީހަކަށްވެސް މި ހިދުމަތުގެ ބޭނުން ހިފޭނެއެވެ.

މިއަދު އޮންލައިން