ޢިބްރަތްތެރި ވާހަކަ: ދެވަނަ ކައިވެނިކުރުމަށްފަހު ކުރިން ކައިވެނިކޮށް ދަރިން ލިބިފައިވާކަން ސިއްރުކުރި މީހަކަށް ދެވަނަ އަނބިމީހާ ދިން އަދަބު- ހުރިހާ އަންހެނުންވެސް ދޭން އޮތް އަދަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 58ސ
ޢިބްރަތްތެރި ވާހަކަ: ދެވަނަ ކައިވެނިކުރުމަށްފަހު ކުރިން ކައިވެނިކޮށް ދަރިން ލިބިފައިވާކަން ސިއްރުކުރި މީހަކަށް ދެވަނަ އަނބިމީހާ ދިން އަދަބު- ހުރިހާ އަންހެނުންވެސް ދޭން އޮތް އަދަބު!

ދަރިން ލިބުމުން ދަރިންނާއި އަޅައިނުލުމުގެ މައްސަލަތައް ދުވަހެއް ދުވަހަކަށް އަންނަނީ ގިނަވަމުންނެވެ. ވީމާ މިއީ އެންމެންނަށްވެސް އޮތް އެންމެ މުހިންމު މައްސަލަކަމަށްމިވަނީ ވެފައެވެ. ކޮންމެ އަންހެނަކަށްވެސް ހުންނަންޖެހިފައިމިވަނީ އެފަދަ ޙާލަތެއް ތިމާއަށް ކުރިމަތިވާނެ ވަޤުތަކަށް ބަލަބަލައެވެ. ވަރަށް މަދު އަންހެނަކަށް ނޫނީ ތިބެންޖެހިފައިވަނީ އެކަމުގެ ބިރުވެރިކަމުގެ ތެރޭގައެވެ.  

ތިރީގައިވާ ޙާދިސާ ވިދާޅުވެލައްވާށެވެ! ހުރިހާ އަންހެނުންނަކީ އޭނާ ފަދަ ވިސްނުމުގެ އަންހެނަކަށް ވެވިއްޖެނަމަ މިމައްސަލައަށް ބޮޑު ޙައްލެއް ލިބިގެންދާނެއެވެ. އިން ޝާ ﷲ  

އަޅުގަނޑު ކައިވެނިކުރީ ޢުމުރުން 24 އަހަރުގައެވެ. ފިރިމީހާގެ ޢުމުރަކީ 30 އަހަރެވެ. ކައިވެނިކޮށްގެން 5 އަހަރުވީއިރުވެސް ދަރިއަކު ނުލިބެއެވެ. ބޭސްފަރުވާވެސް ކުރެވުނެވެ. ދުޢާވެސް ކުރެވުނެވެ. ރުޤްޔާވެސް ކުރެވުނެވެ. އެހެންގޮސް ދަރިއަކު ހޯދަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރެވުނެވެ. 

އެހާލަތުގައިވެސް އުންމީދު ކަނޑައެއް ނުލަމެވެ. ދަރިންނަކީވެސް އެކަލާނގެ ރުހިވޮޑިގަންނަވާ އަޅޫންނަށް ދެއްވަވާ ނިޢްމަތެއްކަން ޤަބޫލުކުރާތީއެވެ. އަދި ދަރިންވެސް ދެއްވަވާނީ އެކަމަށް އެންމެ ރަނގަޅު ވަގުތުގައިކަންވެސް ޤަބޫލުކުރާތީއެވެ.  

ކައިވެންޏަށް 6 ވަނަ އަހަރު ކުރިމަތިވިކަމަކުން ދިއައީ އަންތަރީސްވެގެންނެވެ. އަޅުގަނޑުގެ ކޮއްކޮއަކު ބަލިވެގެން ގޮވައިގެން ހޮސްޕިޓަލަށް ގޮސް ހުރި ދުވަހެކެވެ. ކުޑަ ހަތަރުކުދިން އެކުގައި އައސް ކައިރީގައި ހުއްޓިފައި "ދޮންމަންމާ" ގޮވައިލުމުން ދިއައީ ތަރިބުރައިގެންނެވެ. ވަރަށް ރުޅި ގަދަވިއެވެ. ނަމަވެސް ކުޑަކުދިންތަކެއް އެފަދަ ބަހެއް ބުނާނީ ސަބަބެއް އޮވެގެންކަމަށް ވިސްނައި ވަރަށް ލޯބިން ޖަވާބުދީ އެކުދިންނާއި ވާހަކަދެއްކީމެވެ.

ފިރިމީހާ ސިއްރުކޮށްގެން ހުރި ކަންތައް ފަޅާއެރީއެވެ. އޭނާ ވަނީ ކުރިން ކައިވެންޏެއް ކޮށްފައެވެ. ކައިވެނީގައި 4 ދަރިންވެސް ވަނީ ލިބިފައެވެ. ނަމަވެސް އެކުދިންނަށް ބައްޕަގެ އެއްވެސް އެހީތެރިކަމެއް ނުލިބޭތާ 7 އަހަރުވީއެވެ. ވަޒީފާ އަދާކުރަން މާލެ އައިގޮތަށް ކުދިންގެ ޙާލުވެސް ބަލާފައެއް ނުވެއެވެ. އެކުދިން މާލެ އައިސްގެން އުޅެނީ މަންމަގެ ޙާލު ބޮޑުވެ ބޮޑުވެ އައިސީޔޫގައި ބާއްވާފައި އޮތުމުންނެވެ.  

ވަގުތުން ފިރިމީހާއަށް ގުޅައި ގެނުވީމެވެ. އަދި އެއްވެސް ރުޅިވެރިކަމެއް ނުދައްކައި 4 ކުދިން ފިރިމީހާއަށް ދެއްކީމެވެ. އެކުދިންގެ ބައްޕައާއި ބައްދަލުކުރުވީމެވެ. އަދި އެކުދިންގެ މަންމަގެ ޙާލުބަލައި އެހީތެރިވާން އަމުރުވެސްކުރީމެވެ. ނޫންނަމަ ގެއަށް ނުވައްދާނެ ކަމަށްވެސް ބުނީމެވެ. އަދި އެވަރަކުންވެސް ފުއްދައެއް ނުލަމެވެ. އޭނާއަށް ޒިޔާރަތްވެސް ކުރަން ފެށީމެވެ. ކައްކައިގެން ގެންގޮސް ކާންވެސް ދިނީމެވެ.  

އޭނާއަށް ޝިފާ ލިބިގަދަވުމުން އޭނާ ގޮވައިގެން ރަށަށް ދާންވެސް މަޖުބޫރުކުރީމެވެ. ރަށަށް ދެވުމުން ބުނީމެވެ. "4 ދަރިން ބަލަން ރަށުގައި ހުންނާށެވެ. މާލެ އައިނަމަވެސް މިގެއަށް އައިސްގެން ނުވާނެއެވެ. ތިއައީ އަނިޔާވެރިއެކެވެ. އެކުގައި ދިރިއުޅޭކަށް ބޭނުމެއް ނޫނެވެ. ކުޑަކުޑަ 4 ދަރިންނަށާއި އެކުދިންގެ މަންމައަށް ލޯތްބެއް ނުދީ އަޅާނުލައި އެއްލައިލި މީހަކު އަހަރެންދކެ ލޯބިވާނެކަމަށް ޤަބޫލެއް ނުކުރަމެވެ. ހަމައެކަނި ތިމާއަށް ދިރިއުޅެން ފަސޭހަގޮތަށް ދިރިއުޅޭ މީހުންނަކީ އެންމެ ނުބައި މީހުންނެވެ. ވީމާ ދެންވެސް ތައުބާވެ ދަރިންކޮޅު ގޮވައިގެން ދިރިއުޅުމުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ."

ވަރިނުކޮށް ހިފެހެއްޓުމަށްފަހު ވަރިކުރީ އަހަރުވެސްވީފަހުންނެވެ. ވަރިކުރުމުން ޢިއްދަ ހަމަކޮށް ދެވަނަ ކައިވެނި ކުރިތާ 16 ވަނަ މަހުގައި ދަރިއަކު ލިބިއްޖެއެވެ. މިހާރު 3 ދަރިން އެބަ ތިއްބެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް، ޚާއްޞަކޮށް އަޅުގަނޑުގެ އުޚުތުންނަށް ދަންނަވާލަން އޮތީ މިބާވަތުގެ ފިރިހެނުން ބަލައިނުގަންނާށެވެ. ޙިކުމަތްތެރިކަމާއިއެކު އަވަހަށް ވަކިވާށެވެ. އަމިއްލަ ދަރިން ދެކެ ލޯބިނުވާ މީހަކު އެހެން އެއްވެސް މީހަކު ދެކެ ލޯބިވެދާނެ ކަމަށް ޤަބޫލުވެސް ނުކުރާށެވެ! މިބާވަތުގެ ފިރިހެނުންނަށް ފިލާވަޅު ދެވޭނީ ހަމަ އަހަރެމެންނަށެވެ. އަންހެނުންނަށެވެ.

 

- މަރްޔަމް ޒުލްފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން