ޢިބްރަތްތެރި ވާހަކަ: އަނބިމީހާ އަތުން ފައިސާ ހޯދައިގެން ދިރިއުޅެންބޭނުންވާ ފިރިންނާއިމެދު ހޭލުންތެރިނުވެ ދިރިއުޅުމެއް ނުލިބޭނެކަން ތަޖުރިބާކުރި އަންތބެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
ޢިބްރަތްތެރި ވާހަކަ: އަނބިމީހާ އަތުން ފައިސާ ހޯދައިގެން ދިރިއުޅެންބޭނުންވާ ފިރިންނާއިމެދު ހޭލުންތެރިނުވެ ދިރިއުޅުމެއް ނުލިބޭނެކަން ތަޖުރިބާކުރި އަންތބެއްގެ ވާހަކަ-

އަޅުގަނޑުގެ މައިންބަފައިންނަކީ މެދުމިނުގެ ތަނަވަސްކަންހުރި ބައެކެވެ. އެހައި ތަނަވަސް ނޫންނަމަވެސް އަމިއްލަ ބޭނުންތައް ފުއްދައިގެން އުޅެވޭ ބައެކެވެ. ކައިވެނިކުރީ މައިންބަފައިންގެ ރުހުމަކު ނޫނެވެ. ބައްޕަ ބުނުއްވީ ޙާރިސަކީ އަޚްލާޤް ރަނގަޅު މީހެއް ނޫންކަމަށާއި އަމިއްލަ އެދުން ބޮޑު މީހެއްކަމަށެވެ. ނަމަވެސް ލޯބިވެވިފައިހުރިވަރު ބޮޑު ކަމުން ކައިވެނިކުރެވުނީއެވެ.  

ދެތިންމަސް ވީތަނާ ގޭގެ ޚަރަދަށް އަޅުގަނޑު އަތުން ފައިސާ ހޯދަން ފަށައިފިއެވެ. އުޅޭތަނުގެ ކުލި ނުދެއްކިގެން ފައިސާ ހޯދަން ފަށައިފިއެވެ. އެހެންވެ ބައްޕަގެ ގާތުން އެހީއަކަށް އެދުމުން ބައްޕަ ބުނުއްވީ ތިއައީ ހަރުދަނާ ފިރިންގެ ގޮތް ނޫންކަމަށެވެ. ވީމާ ފިރިމީހާގެ ނިޔަތް ރަނގަޅަށް އިމްތިޙާންކޮށްލަންވާނެ ކަމަށެވެ. ދެން އެކަންކުރާނެ ގޮތް މަންމަ ބުނެދެއްވިއެވެ.  

ޖެހިގެން އައިމަހު ބުނީމެވެ. "ވަރަށް ދެރަގޮތެއް މެދުވެރިވެއްޖެއެވެ. އަހުރެންގެ އިހްމާލުންވީ ކަމެއްގެ ސަބަބުން 6 މަސްވަންދެން މުސާރަ ހަމައަކަށް ނުލިބޭނެއެވެ. ލިބޭނީ އެންމެ 2000 ރުފިޔާއެވެ." އެހެން ބުނާއިރަށް ފިރިމީހާގެ މޫނުގެ ކުލަ ދިއައީ ބަދަލުވެގެންނެވެ. ބައްޕަމެންގެ އަތުން ފައިސާ ހޯދައިގެން މުސާރަ ހަމަކުރަން ބުނެފިއެވެ. 

ބުނީމެވެ. "އުޅޭނެ ތަނެއް ދައްކައި އަނބިމީހާއަށް ކާންބޯންދީ ހެދުމަކީ ފިރިމީހާގެ ކަމެއް ނޫން ހެއްޔެވެ؟ ދެން އެކަން ނުކުރެވޭނިއްޔާ ގެއަށް ބަދަލުވަމާ ހިނގާށެވެ. ގޭގެ ކޮޓަރިއެބަހުއްޓެވެ. ކުލިދައްކާކަށް ނުޖެހޭނެއެވެ. އެކަމަކު ކެއުމަށް މަންމައަށް އެއްޗެއްދޭންވާނެއެވެ. އެއީ ފިރިމީހާކުރަންޖެހޭނެ ކަމެކެވެ."  

ފިރިމީހާ ބުނީ ގެއަށް ބަދަލުނުވާނެ ކަމަށާއި ބައްޕަގެ އަތުން ފައިސާ ހޯދުމަށެވެ. ދެން އަޅުގަނޑު އިތުރަކަށް އެވާހަކައެއް ނުދައްކަމެވެ. އަޅައިވެސް ނުލައި ހުރީއެވެ. އެކަން ފިރިމީހާއަށްވީ ވަރަށް ބޮޑު ކަމަކަށެވެ. އަބަދުހެން ދައްކަނީ ބައްޕަގެ އަތުން ފައިސާ ހޯދާވާހަކައެވެ. ރަށުގައި ދުއްވާނެ ލޯންޗެއް ގަންނަން ބޭނުންވާ ވާހަކައެވެ. އެއިރުން ހަމަޖެހިގެން އުޅެވޭނެ ވަރަށް ފައިސާ ލިބޭނެ ވާހަކައެވެ. އެކަމަކު އެއިން އެއްވެސް ވާހަކައަކަށް ޖަވާބެއް ނުދެމެވެ.  

ދެވަނަ މަހު މާބޮޑަށް އުނދަގޫކުރަން ފެށުމުން ބުނީމެވެ. "އަހުރެންނާއި ކައިވެނިކުރުމުން ކަލެއަށް ބޮޑުވީ ކޮން ޚަރަދެއް ހެއްޔެވެ؟ އެއްވެސް އެއްޗެއް ހޯދައިދޭކަށް ނުބުނަމެވެ. ކުރިންވެސް އުޅުނީ ކުއްޔާއި ކަރަންތްބިލާއި ފެންބިލުވެސް ދައްކައިގެން ނޫންހެއްޔެވެ؟" 

ދެން އަޅުގަނޑު ގެއަށް ބަދަލުވީއެވެ. ބަދަލުވާންވެގެން ދެމީހުން އެކުގައި ބަދަލުވާން ބުނީމާ ދެކޮޅުހެދިހިސާބުން ދެން އިތުރަށް އެވާހަކަ ނުދައްކައި ބަދަލުވީއެވެ. ބަދަލުވީމާ އެރޭ ގެއަށް އައިސް ސިޓިންގރޫމްގައި އިނދެގެން އަޅުގަނޑު ކުށްވެރިކޮށްފައި ވާހަކަދައްކަން ފެށިތަނާ ދޮންބޭބެއަށް އަޑުއިވިގެން އައިސް ބުންޏެވެ. "ކޮއްކޯއެވެ. ކޮއްކޮ ތިއަކަމުގެ ތެރެއަށް އެންމެންނާއި ދެކޮޅަށް ފުންމާލަން ބޭނުންވީމާ އެއިރު އަނގައިން ނުބުނީއެވެ. އެއީ ހެދޭ ގޯސް އިޞްލާޙްކުރެވޭނީ އަތްފިހިގެން ކަމަށްވާތީއެވެ."  

އެހެން ބުނެފައި ފޯނުން ފޮޓޯއެއް ދައްކާލާފައި އެއީ ކޮންބައެއްތޯ ފިރިމީހާއާއި ސުވާލުކުރުމުން ބުނީ އެއީ ހަދާފައިވާ ފޮޓޯއެއް ކަމަށެވެ. ދޮންބޭބެ ކިޔައިދިނެވެ. "މިއީ ކަލޭގެ ވަގު ލޯބިވެރިޔާ ޝީރީނެވެ. ދެން ތިއަ ފެންނަނީ ކައިވެނިކުރާނަމޭ ކިޔައިގެން އުޅެމުން އޭނާއަށް ދިން ބޮޑު ދެރައެވެ. (ދަރިފުޅެ.) އެއްބަސްނުވީތާއެވެ. މިގެއަށް މިގެނުވަނީއެވެ. ކަލޭ ކޮއްކޮއާ ކައިވެނިކުރީ ލޯތްބަކުން ނޫނެވެ. ހުރި އެންމެ ދަރިފުޅުވީމާ ޢާއިލާއިން ފައިސާހޯދާށެވެ. ރުޅިއައިސްގެން ތިއައުޅެނީ އެކަން ނުވީމައެވެ. ދެން ކަލެއަށް ބައިރުފިޔާއެއްވެސް މިގެއަކުންވެސް އަދި ކޮއްކޮގެ އަތަކުންވެސް ނުލިބޭނެއެވެ. ފައިސާ ތިއަހޯދަނީ ޝީރީނަށް ޚަރަދުކުރަން ނޫންހެއްޔެވެ؟"  

ދޭނެ ޖަވާބެއް ފިރިމިހާއަށް ނުއެނގުނީމާ އަޅުގަނޑާއި ދޮންބޭބެއާ އަޅުވާ ކިޔާފައި ވަރިކޮށްފައި ނުކުމެގެން ދިއައީއެވެ. ދެރައެއްވެސް ނުވަމެވެ. ދުވަހަސްކޮޅަކު އެކަނި އިނދެފައި ދެވަނަ ކައިވެނިކޮށް ދިރިއުލެމުން މިއަންނަނީ ވަރަށް އުފަލުގައެވެ.

އަޅުގަނޑު މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ފުރަތަމަ ކައިވެނީގައި އަޅުގަނޑަށް ކުރަންޖެހުނު ހިތި ތަޖުރިބާއިން ޢިބްރަތް ޙާޞިލުކުރުމަށެވެ. އަނބިމިހާ ފެލައިގެން ދިރިއުޅެން ބޭނުންވާ މީހުންނަށް ސަމާލުވުމަށެވެ.

 

- ތިޒޫ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން