ޤަވާއިދާ ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިހާތަނަށް 66 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މި މަސައްކަތަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ޚާއްސަ ޓާސްކްފޯހުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤް އަޙްމަދު ވިދާޅުވީ، ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތަކާ ގުޅޭގޮތުން މިހާތަނަށް 307 ޝަކުވާއެއް ލިބިފައިވާ ކަމަށެވެ. އަދި މި ޝަކުވާތަކާ ގުޅިގެން 153 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވި ގޮތުގައި، ބަންދުކުރި 66 ތަނުގެ ތެރެއިން 46 ވިޔަފާރިއެއް ބަންދުކޮށްފައިވަނީ އިޤްތިޞާދީ ވުޒާރާގެ ޤާނޫނުތަކާ ޚިލާފުވެގެންނެވެ. އަދި ބާކީ 20 ވިޔަފާރިއަކީ އެހެނިހެން ޤާނޫނުތަކާ ޚިލާފުވެގެން ބަންދުކުރި ތަންތަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ބަންދުކުރި ތަންތަނުގެ ތެރެއިން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުން 22 ވިޔަފާރިއަކަށް އަލުން ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށްވެސް ޠާރިޤް ވިދާޅުވިއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ހިންގާ ބިދޭސީ ވިޔަފާރިތައް ބަލާ ފާސްކޮށް އެތަންތަނަށް ފިޔަވަޅު އެޅުމަށް ޚާއްސަ ޓާސްކްފޯހެއް އެކުލަވާލައި، މި މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ވިޔަފާރިވެރިންނަށް އޮތް ފުރުޞަތުތައް ރައްކާތެރިކޮށް، ޤައުމުގެ އިޤްތިޞާދީ ނިޒާމު ހަރުދަނާކުރުމެވެ.