މިއަހަރުގެ މިހާތަނަށް ސްކޫލްތަކުގެ އާބާތުރަފިލުވުމުގެ މަސައްކަތްތަކަށް 70 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސްކޫލްތަކުގެ އާބާތުރަ ފިލުވުމަށް ކުރައްވާ މަސައްކަތަކީ މީގެ ކުރީގެ ސަރުކާރުތަކުން އެކަމަށް އިސްކަންދީފައި ނުވާ މިންވަރެއްގެ ބޮޑު މަސައްކަތެއް ކަމަށެވެ.
ސަރުކާރުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ އަހަރުވެސް އާބާތުރަ ފިލުވުމުގެ މަސައްކަތަށް 30 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް 70 މިލިޔަން ރުފިޔާ މިކަމަށް ހޭދަކޮށްފައިވާއިރު، މިއީ ސްކޫލްތަކުގެ އުމްރާނީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް ދިރާސީ އައު އަހަރަށް ތައްޔާރުވުމުގެ ގޮތުންނާއި، 'ކޫލް ސްކޫލް' މަޝްރޫޢުގެ ދަށުން ގެންނަންޖެހޭ ބަދަލުތަކަށް 20 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް މިހާރު ކަނޑައަޅާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް 55 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، އަންނަ ދިރާސީ އަހަރު ފެށޭއިރު 30 އިމާރާތެއްގެ މަސައްކަތް ނިންމާ ބޭނުންކުރަން ފެށޭނެއެވެ.
ސްކޫލްތަކުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "ފާރާއި، ފުރާޅާއި، ސީލިންއާ އެކިކަންކަން ކުރުމަށްޓަކައި މިހާރު ވަނީ އެލޮކޭޝަންކޮށް ނިންމާފައި. ފެންނަން ހުރި ހިސާބުތަކަށް ބަލާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސްކޫލްތައް އާބާތުރަ ފިލުވުމަށްޓަކައި މި ކުރިވަރަކަށް އެއްވެސް ސަރުކާރަކުން ނެތް މަސައްކަތްކޮށްފައި،" ކަމަށެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގިނަ ދުވަސްތަކެއް ވަންދެން މަރާމާތު ނުކޮށް ހުރުމުގެ ސަބަބުން ބޮޑެތި މަރާމާތުތައް ކުރަންޖެހޭ ސްކޫލްތައް އަދިވެސް އެބަހުއްޓެވެ. އެހެންކަމުން، މިހާރު ކުރެވޭ މަސައްކަތްތަކުން ހުރިހާ މަރާމާތެއް ނިމުނީ ނޫން ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ މަސައްކަތްތަކަށް ޚަރަދުކުރަން ޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.