ދިވެހިރާއްޖޭގައި 2026 ވަނަ އަހަރާ ހަމައަށް އާބާދީގެ ކޮންމެ 5 މީހުންގެ ތެރެއިން 2 މީހުންނަކީ ބިދޭސީން ކަމަށް ރާއްޖޭގެ އާބާދީގެ އަންދާޒާ ރިޕޯޓަކުން ދައްކައިފިއެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ނެރުނު މި ރިޕޯޓުގައިވާ ގޮތުން، ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އާބާދީ ބޮޑުތަނުން އިތުރުވެގެންދާނެއެވެ.
އެ ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުގައި، ބިދޭސީންގެ އާބާދީ އިތުރުވުމުގެ ސަބަބުން 2026 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ޖުމްލަ އާބާދީ 678,024 އަށް އަރާނެއެވެ. މީގެ ތެރެއިން ދިވެހިންގެ އާބާދީއަކީ 414,679 ކަމަށް ލަފާކޮށްފައިވާއިރު، ބިދޭސީންގެ އާބާދީ 263,345 އަށް އަރާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. މިއީ މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ބިދޭސީންގެ އާބާދީ އިތުރުވަމުންދާ މިންވަރާ ގާތްކުރާ އަދަދެކެވެ.
އެންމެ ފަހުން ހެދި ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އާބާދީއަކީ 515,132 އެވެ. އޭގެ ތެރޭގައި ހިމެނެނީ 382,639 ދިވެހިންނާއި 132,493 ބިދޭސީންނެވެ. އެހެންކަމުން ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި ބިދޭސީންގެ އާބާދީއަށް އަންނާނެ ކަމަށް ލަފާކުރާ މި ބަދަލަކީ ކަންބޮޑުވާންޖެހޭ މިންވަރެއްގެ އިތުރުވުމެއްކަން ރިޕޯޓުން ފާހަގަވެއެވެ.
މަސައްކަތްކުރާ އުމުރުފުރާގެ އާބާދީއަށް ބަލާއިރު، މިހާރުވެސް ރާއްޖޭގައި ގިނައީ ބިދޭސީންނެވެ. ހާއްސަކޮށް 25 އަހަރާއި 29 އަހަރާ ދެމެދުގެ އުމުރުފުރާގައި ދިވެހި ފިރިހެނުންނަށްވުރެ ބިދޭސީންގެ އަދަދު 17,000 އަށްވުރެ ގިނައެވެ. މި ފަރަގު 2026 ވަނަ އަހަރާ ހަމައަށް 40,000 އަށް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން، ރާއްޖޭގެ ދިވެހި އާބާދީ އިތުރުވާ މިންވަރު ދަށްވަމުންދާކަންވެސް ރިޕޯޓުން ވަނީ ހާމަވެފައެވެ. އެގޮތުން 2022 ވަނަ އަހަރު އަންހެނުން ދަރިން ހޯދާ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާއިރު، 2026 އާ ހަމައަށް މި އަދަދު އަންހެނަކަށް 1.5 ދަރިންނަށް ދަށްވާނެ ކަމަށް ބެލެވެއެވެ. މިއާއެކު ރާއްޖޭގެ އާބާދީގައި ހިމެނޭ ކުޑަކުދިންގެ ނިސްބަތް 22 އިންސައްތައިން 11 އިންސައްތައަށް ދަށްވާނެ ކަމަށް ލަފާކުރެވެއެވެ.