ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި އެންމެ ގިނަ އަދަދަށް ވޯޓުލާނެ ޕްރައިމަރީއަކަށް ޕީއެންސީ ޕްރައިމަރީވާނެ: ފަލާހު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި އެންމެ ގިނަ އަދަދަށް ވޯޓުލާނެ ޕްރައިމަރީއަކަށް ޕީއެންސީ ޕްރައިމަރީވާނެ: ފަލާހު

ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި އެންމެ ގިނަ އަދަދަކަށް މީހުން ވޯޓުލާނެ ޕްރައިމަރީއަކަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕްރައިމަރީ ވެގެންދާނެ ކަމަށް އެ ޕާޓީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން މެނޭޖަރ އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

މިއަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުމުގެ ކަންތައްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ފަލާހު ވިދާޅުވީ، އިންތިހާބުގެ ކަންކަން ކުރިއަށްދަނީ ވަރަށް އަމާންކަމާއި އޮމާންކަމާއެކުގައެވެ. އަދި ގައުމީ ފެންވަރުގެ މައި އިންތިހާބެއް ފަދައިން މި ޕްރައިމަރީއަށްވެސް ވަރަށް ބޮޑަށް ތައްޔާރުވެ، އިންތިޒާމުތައް ފުރިހަމަކޮށްފައިވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފަލާހު ހާމަކުރެއްވި ގޮތުގައި މި ޕްރައިމަރީގައި ވޯޓުލުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 44 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 21,000 މީހުންނަށް ލިބިފައިވާއިރު، މިއަދު މެންދުރުފަހު 2:00 އާ ހަމައަށް 8,000 އަށްވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި އަދަދަކީ އެ ޕާޓީއިންވެސް އަންދާޒާ ކުރި އަދަދަށްވުރެ އިތުރު އަދަދެއް،" ފަލާހު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މިއީ ރާއްޖޭގެ ސިޔާސީ ތާރީހުގައި ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި އެންމެ ގިނަ އަދަދަކަށް މީހުން ވޯޓުލާނެ ޕްރައިމަރީއަށް ވެގެންދާނެ ކަމަށެވެ.

މި ޕްރައިމަރީއަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޕީއެންސީން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތެވެ. ވޯޓުލުމުގެ ކަންކަން ނިމުމުން، ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަށަވަރުވެގެންދާނެއެވެ.

މިއަދު އޮންލައިން