ތަރިކައިގެ ދާއިރާއިން މަތީ ތަޢުލީމަށް ކިޔެވުމަށް ސްކޮލަރޝިޕް ލިބުނު ފަރާތްތަކުގެ ކިޔެވުން އަންނަމަހު ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ތަރިކައިގެ ދާއިރާއިން މަތީ ތަޢުލީމަށް ކިޔެވުމަށް ސްކޮލަރޝިޕް ލިބުނު ފަރާތްތަކުގެ ކިޔެވުން އަންނަމަހު ފަށަނީ

ތަރިކައިގެ ދާއިރާއިން މަތީ ތަޢުލީމަށް ކިޔެވުމަށް ސްކޮލަރޝިޕް ލިބުނު ފަރާތްތަކުގެ ކިޔެވުން އަންނަ ޖަނަވަރީ މަހު ފަށާނެކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ތަރިކައިގެ ދާއިރާއިން މީހުން ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ މި މަސައްކަތުގެ ދަށުން ޖުމްލަ 50 ސްކޮލަރޝިޕްގެ ފުރުޞަތު ވަނީ ދީފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި މިއީ މާސްޓާސް ލެވަލްގެ ކޯސްތަކެކެވެ. މި ކޯސްތަކުގެ ކިޔެވުން ކުރިއަށްދާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގައެވެ.

"ތަމްރީންތައް ފަށައިގަތުމުގެ މަރުހަލާ ދަނީ ކުރަމުން. މި ކޯސްތައް ޖެނުއަރީ މަހު އައިޔޫއެމްގައި ފަށާނެ،" ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވިއެވެ.

"ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕް" ގެ ނަމުގައި ތަޢާރަފުކުރި މި ސްކޮލަރޝިޕަކީ ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ސްޕޮންސަރކުރާ ފުރުޞަތެކެވެ. މި ޕްރޮގްރާމްގެ ދަށުން ދަރިވަރުން ފުރިހަމަކުރާނީ އިސްލާމީ ޔުނިވަރސިޓީގެ މާސްޓަރ އިން ރިސަރޗް އެންޑް ޕަބްލިކޭޝަންސް ޕްރޮގުރާމެވެ. މީގެ މައިގަނޑު މަޤުޞަދަކީ ދިވެހި ތަރިކައިގެ ޢިލްމު އުފައްދައި، މި ދާއިރާއަށް ޤާބިލު ތަރިކަވެރީންތަކެއް އުފެއްދުމެވެ.

މި ސްކޮލަރޝިޕްގެ ދަށުން ހިންގާ ދިރާސީ މަސައްކަތްތަކުގެ މުއްދަތަކީ 2 އަހަރު ދުވަހެވެ. މީގެ އިތުރުން، މި މަސައްކަތުގެ ތެރެއިން ކޮންމެ މަހަކު 2 ދުވަހު ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގައި މަސައްކަތްކުރަން ޖެހޭނެއެވެ. މިއީ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ހަމަޖައްސާފައިވާ އުސޫލެކެވެ.

ތަރިކަ ދިރާސާކުރާ މަރުކަޒުން ފާހަގަކުރި ގޮތުގައި، މި ސްކޮލަރޝިޕްގައި ބައިވެރިވާ ފަރާތްތަކަށް ތަރިކައިގެ ދާއިރާގެ އެކި ފަންނުތަކުގެ ތެރެއިން ކޮންމެވެސް އެއް ފަންނެއް ދަސްކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މިއީ ރާއްޖޭގެ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތެކެވެ.

މިއަދު އޮންލައިން