ޕްރައިމަރީގައި 11،300 ވުރެ ގިނަ މެންބަރުން ވޯޓްލީ: ޕީއެންސީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ޕްރައިމަރީގައި 11،300 ވުރެ ގިނަ މެންބަރުން ވޯޓްލީ: ޕީއެންސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރައްވާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް މިއަދު ބޭއްވި ޕްރައިމަރީގައި 11،300 އަށްވުރެ ގިނަ މެންބަރުން ވޯޓްލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް ރާއްޖޭގެ 45 ސަރަހައްދެއްގައި ވޯޓުލުން ކުރިއަށް ގޮސްފައިވެއެވެ.

މި ޕްރައިމަރީގައި ޖުމްލަ 298 ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު، އިންތިޚާބު ކުރިއަށް ގެންގޮސްފައިވަނީ 42 އިންތިޚާބީ ދާއިރާއެއްގެ 84 މަޤާމަކަށެވެ. ޕީއެންސީން ބުނި ގޮތުގައި، ވޯޓުލުން ކުރިއަށްދިޔަ ހުރިހާ ސަރަހައްދެއްގައިވެސް ކަންކަން ދިޔައީ ވަރަށް އޮމާންކޮށް އަދި ތަރުތީބުންނެވެ.

ޕްރައިމަރީ ބޭއްވި ދާއިރާތަކުގައި ޖުމްލަ 21،000 އަށްވުރެ ގިނަ މެންބަރުންނަށް ވޯޓް ދިނުމުގެ ހައްގު ލިބިފައިވެއެވެ. މީގެ ތެރެއިން 11،300 އަށްވުރެ ގިނަ މީހުން ވޯޓުލާފައިވާއިރު، މިއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ އަދަދެކެވެ. ޕީއެންސީން ފާހަގަކުރި ގޮތުގައި މިއީ ސިޔާސީ ޕާޓީއަކުން އެތެރޭގެ އިންތިހާބެއްގައި މިހާ ގިނަ އަދަދެއްގެ މެންބަރުން ވޯޓުލީ ފުރަތަމަ ފަހަރެވެ.

މިފަހަރުގެ ޕްރައިމަރީގައި މާލޭގައި އަތޮޅުތެރޭގެ ރަށްރަށަށް ޚާއްސަކޮށްގެން ވޯޓްފޮށި ބަހައްޓާފައި ނުވި ނަމަވެސް، މިހާ ގިނަ އަދަދެއްގެ މެންބަރުން ވޯޓުލާން ނުކުތުމަކީ ޕްރައިމަރީއަށް މެންބަރުންގެ މެދުގައި އޮތް ބޮޑު ޝައުގުވެރިކަން ހާމަވާ ކަމެއް ކަމަށް އެ ޕާޓީން ބުނެއެވެ.

ކޮންގްރެސް ޕާޓީގެ މި ޕްރައިމަރީގައި ވޯޓުލެވޭ މީހުން ކަނޑައެޅުމުގައި އަމަލުކޮށްފައިވަނީ ރާއްޖޭގެ އެހެން ޕާޓީތަކާ ތަފާތު އުސޫލަކަށެވެ. އެގޮތުން މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުން ކަނޑައެޅުމުގައި ބަރޯސާވެފައިވަނީ އިލެކްޝަންސް ކޮމިޝަަނުގައި އޮތް އެ ޕާޓީގެ ރަސްމީ ދަފުތަރަށެވެ.

މިއަދު އޮންލައިން