އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ބޭނުންވާ އިދާރީ މުވައްޒަފުން ހޯދުމަށް ހުޅުވާލި ފުރުސަތު އަންނަ ފެބުރުވަރީ މަހުގެ ނިޔަލަށް ދެމިއޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މި އިންތިޚާބަށް ބޭނުންވާ މުވައްޒަފުން ނެގުމަށްޓަކައި ޚާއްޞަ ވޯކް-އިން އިންޓަވިއުތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިއަދު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ކަލާފާނު ސްކޫލުގައި އިންޓަވިއުތައް ކުރިއަށް ގެންގޮސްފައިވާއިރު، އިއްޔެ ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައިވެސް އިންޓަވިއުތައް ކުރިއަށް ގެންގޮސްފައެވެ.
މި މަސައްކަތާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ވޯކް-އިން އިންޓަރވިއުއިން ފުދޭވަރަކަށް ސަޕޯޓު ލިބިގެންގޮސްފައިވާކަމަށާއި ވޯކް-އިން އިންޓަރވިއު ނިންމާލިކަމުގައި ވީނަމަވެސް ފެބުރުވަރީ 26 އާ ހަމައަށް ހުޅުވާލެވިފައިވާކަމަށެވެ. އަދި އެޕްލިކޭޝަން ފޯމުތައް މެއިލްކޮށްގެންވެސް އެޕްލައި ކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. މި އިންތިޚާބަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް މަންދޫބުން އިންތިޚާބު ކުރުމަށް ބާއްވާ މުހިންމު އިންތިޚާބެކެވެ.