ޣައިރު ދީންތައް ރާއްޖޭގައި އޮންނަން ފެނޭތޯ ސުވާލު އުފައްދައި އެއްވެސް ދިރާސާއެއް ކޮށްފައި ނުވާނެކަމަށާއި، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އާ މެދު އެފަދަ ތުހުމަތުތަކެއްކޮށް ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އެޗްއާރްސީއެމްއިން މިފަދައިން ވިދާޅުވީ އެ ކޮމިޝަނާ ގުޅޭގޮތުން މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ނޫސް ބަޔާނުގައެވެ. އެ ކޮމިޝަނުން ވިދާޅުވީ ކުރިއަށް ގެންގޮސްފައިވާ އެއްވެސް ދިރާސާއެއްގައި އިސްލާމްދީން ނޫން އެހެން ދީންތައް ރާއްޖޭގައި އޮންނަން ފެނޭތޯ އަހާފައި ނުވާނެކަމަށެވެ.
އެޗްއާރްސީއެމްގެ މަސައްކަތްތައް ބިނާކުރެވި ހިނގަމުންދާނީ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ، އަދި ދިވެހިރާއްޖެއިން ސޮއިކޮށް އަމަލުކުރުމަށް ދިވެހި ދައުލަތުން އެއްބަސްވެ ޤަރާރުވެފައިވާ މުއާހަދާތަކާ އެއްގޮތްވާގޮތުގެ މަތީންކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، އެފަދަ ހާލަތާއި ޚިލާފުވާ އެއްވެސް ކަމެއް ހުއްދަ ކުރުމަށް ނުވަތަ އެފަދަ ކަމަކަށް ހިތްވަރު ލިބޭނެ އެއްވެސް ވާހަކައެއް އެއްވެސް ދިރާސާއެއްގައި ބަޔާންކޮށްފައި ނުވާނެކަމުގެ ޔަޤީންކަންވެސް އެ ކޮމިޝަނުން ވަނީ ދީފައެވެ.
ކޮމިޝަނުގެ މަސައްކަތްތައް އަބަދުވެސް ހިންގަމުން ގެންދާނީ ކަނޑައެޅިފައިވާ ޤާނޫނީ އިމުގެ ތެރޭގައިކަން ފާހަގަކުރައްވައި، އެޗްއާރްސީއެމްއިން ވިދާޅުވީ "ހުރިހައި ވަގުތަކު ހުރިހައި ކަމެއްގައިވެސް އިސް ކުރާނީ އިސްލާމީ ޝަރީޢަތާއި އިސްލާމް ދީނުގެ ހަމަތަކާއި ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ މަސްލަޙަތުތައް" ކަމަށެވެ.