ޢިބްރަތްތެރި ވާހަކަ: އެންމެ ދަތިޙާލުގަ ގިނަ އަހަރުތަކެއް ވަންދެން ކެތްތެރިވި އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ
ޢިބްރަތްތެރި ވާހަކަ: އެންމެ ދަތިޙާލުގަ ގިނަ އަހަރުތަކެއް ވަންދެން ކެތްތެރިވި އަންހެނެއްގެ ވާހަކަ-

މަސްތުވާތަކެތި ޑީލްކުރުމާއި ބޭނުންކުރުމަކީ ތިމާގެ އަމިއްލަ މައްސަލައެއް ކަމަށް ބުނާބައަކު އުޅެއެވެ. ޒަވާޖީ ޙަޔާތަކަށް ފެށުމަށްފަހު، ޚާއްޞަކޮށް ދަރިން ލިބުމަށްފަހު އެއީ އަމިއްލަ މައްސަލައަކަށް ނުވާނެއެވެ. އެކަމުން ލިބޭދެރައިގެ ގެއްލުން އަނބިދަރިންނަށް ކުރާތީއެވެ. އެކަން ތިރީގައިވާ ވާހަކައިން ވަރަށް ރަނގަޅަށް އެނގިލައްވާނެއެވެ. އިން ޝާ ﷲ  

އަޅުގަނޑުގެ އުމުރުން 27 އަހަރެވެ. ފިރިމީހާގެ ޢުމުރުން 30 އަހަރެވެ. 3 ދަރިން ވަނީ ލިބިފައެވެ. ފިރިމީހާއަކީ އަމިއްލަ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ މުވައްޒިފެކެވެ. ލިބޭ އާމްދަނީން ދިރިއުޅުން ހަމަޖެހެނީ ކިރިޔާއެވެ.  

އެއްދުވަހަކު ކުއްލިއަކަށް ފުލުހުން ގުޅާފައި ބުނީ ފިރިމީހާ އޮފީހުގައި މަސައްކަތްކުރާ ކެބިންގައި ހުރި އޭނާ އެކަނި ބޭނުންކުރާ އަލަމާރިއަކުންނާއި އޭނާގެ މޭޒު ވަތްގަނޑުން ގިނަ އަދަދެއްގެ މަސްތުވާތަކެތިފެނުމުގެ މައްސަލައެއްގައި ފިރިމީހާ ފުލުހުންގެ ބެލުމުގެދަށަށް ގެންދެވުނު ވާހަކައެވެ. އަދި މަސްތުވާތަކެތި ޑީލްކުރާ ކަމުގެ ތުހުމަތުގައި ފިރިމީހާއަށް ފާރަލަމުންގެންދާތާ ކިތަންމެ ދުވަހެއް ކަމަށެވެ. އަދި މިތަކެތި އޭނާއަށް ވިއްކި މީހާވެސް ފުލުހުންގެ ބެލުމުގެދަށަށް ގެނެވިފައިވާ ކަމަށެވެ.  

ފުރަތަމަ އަޅުގަނޑަށް ޤަބޫލުކުރެވުނީ ބައަކު ފިރިމީހާ ފްރޭމްކުރީ ކަމަށެވެ. އެއީ ލިބޭ މުސާރަ ނޫން އިތުރު އެއްވެސް ފައިސާއެއް ފިރިމީހާ ގެންގުޅޭކަން އެއްގޮތަކަށްވެސް އެނގިފައި ނެތުމުންނެވެ. ނަމަވެސް ވަކީލާއިއެކު ފިރިމީހާ އާއި ބައްދަލުކުރުމުން އެއީ އޭނާ ކުރާކަމެއްކަން އެނގުނު ވަގުތު ހީވީ ބިންގަނޑު ފައިދަށުން ދެމިގެން ދިއަހެންނެވެ.  

ފިރިމީހާ އަޅުގަނޑަށް ފޮރުވައިގެން ގެންގުޅުނު ވަގު ފައިސާގެތެރެއިން ދެލައްކައެއްހައި ހުރިތަނާއި ލިބޭނެ ގޮތް ކިޔައިދިނެވެ. ނަމަވެސް އަޅުގަނޑު ބުނީ އެފައިސާ ބޭނުން ނޫންކަމަށާއި ޙަރާމް ގޮތުގައި ހޯދާފައި އޮތް އެންމެ ރުފިޔާއެއް ވެސް ބޭނުން ނޫން ކަމަށެވެ. އަމިއްލަ ނަފްސާއި ދަރިން ﷲ އާ ވަކީލް ކަމަށެވެ.  

ފިރިމީހާގެ ޢާއިލީގޭގައި އަޅުގަނޑުމެންނަށް އުޅެވުނެވެ. ނަމަވެސް އެންމެ ކުޑަމިނުން ކާނެ އެތިކޮޅެއްވެސް އެއްވެސް މީހަކު ދިއްކޮށެއް ނުލައެވެ. އަޅުގަނޑުމެން ކައްކައިކަމުން އައީ ވަކިންކަމަށްވުމުން އެޙާލަތުގައިވެސް އެކަން އެމީހުން އެގޮތަށް ދޫކޮށްލީއެވެ.  

އެހިސާބުން އަޅުގަނޑު އަވަށްޓެރިއަކަށް ނޯކިރީކޮށްދޭން ފެށީމެވެ. ދަރިންނާއި އަޅުގަނޑު ކައިބޮއި ހެދީ އެމަސައްކަތްކޮށްގެންނެވެ. ބާކީވާ އެތިކޮޅު ގެންގޮސްގެންނެވެ. ދަރިންނަށް ކާންދީފައި ބާކީ ނުހުންނަ ރޭރޭ ނިދީ ނުކައެވެ. ފެންފޮދެއް ބޯލައިގެންނެވެ. ދަރިންނާއި އަޅުގަނޑު ލައި އުޅުނީ އެގެއިންނާއި ބައެއް ރައްޓެހިން ދިން ބައުހެދުމެވެ. ދަރިންގެ ކިޔެވުމަށް ޚަރަދުކުރީ މަސައްކަތްކުރާ ގޭގެއިން މަހަކު ދިން ފައިސާކޮޅެވެ.  

ފިރިމީހާއަށް ކުރީ 25 އަހަރުގެ ޙުކުމެކެވެ. ޢާއިލީ ބައްދަލުވުންތަކަށް ދެވުނީ ވަރަށް މަދުންނެވެ. އެއީ އެގޭގައި މަސައްކަތްކުރަންޖެހޭތީއެވެ. ދާދުވަހަކުވެސް ދަނީ ދަރިންވެސް ގޮވައިގެންނެވެ. ވީމާ ދެމަފިރިންނަށް ބައްދަލު ނުކުރެވޭކަމަށްވެސް ބުނެވިދާނެއެވެ. ދަރިން ދޫކޮށްލާފައި ހިނގައްޖެނަމަ ދަރިން ބަލައިދޭނެ މީހަކު ނެތުމުން ދަރިން ގޮވައިގެންދާން މަޖުބޫރުވަނީއެވެ.  

މިފަދަ ނިކަމެތި ޙާލެއްގައި ދިރިއުޅޭތާ 10 އަހަރުވީފަހުން އަވަށްޓެރި ރަޙްމަތްތެރިއަކު އެހީތެރިކަން ފޯރުކޮށްދޭން ފެށިއެވެ. އަދި ދެމީހުންގެ މެދުގައި ރައްޓެހިކަމުގެ ގުޅުމެއްވެސް އުފެދުނެވެ. ނަމަވެސް އެކަހެރިކޮށް ބައްދަލެއް ނުކުރަމެވެ. ލޯބީގެ ވާހަކައެއް ނުދައްކަމެވެ. އޭނާވެސް އެކަމަކަށް ނޭދެއެވެ. އަދި އެހީތެރިވީވެސް ﷲ އަށްޓަކައި ކުރާ ޞަދަޤާތެއް ކަމަށް ބުނެފައެވެ. ކުރާކަމަކީ ހަމައެކަނި ދުނިޔޭގެ ވާހަކަދައްކަން މަދުމަދުން މެސެޖުކުރުމެވެ. ވީޑިއޯ ކޯލެއްވެސް ނުކުރަމެވެ. ފިރިމީހާ ދީފައި އޮތް ސްމާޓް ފޯން ހަލާކުވުމުން ނުގަނެވިގެން ގެންގުޅެނީވެސް ބައްތިފޯނެކެވެ.  

ކޮންމެއަކަސް 15 އަހަރުން ފިރިމީހާ މިނިވަންވިއެވެ. އެއިރު ދަރިން ތިބީ ބޮޑެތިވެފައެވެ. ދޮށީ ދެދަރިން ވަޒިފާގައެވެ. ދެބެއިން އެހިތެރިވާތީ ބާކީ ކާތަކެތި ގެއަށް ގެންނަން ނުޖެހުނު ނަމަވެސް އަޅުގަނޑު ދިއައީ އެގޭގޭގައި މަސައްކަތްކުރަމުންނެވެ.  

ފިރިމީހާ މިނިވަންވުމުން އުފާވިއެވެ. އޭނާ މިނިވަންވީތީއެވެ. ނަމަވެސް ކަންކަން ވީގޮތުން އެއީ ފިރިމީހާކަމަށް ހިތުގެ އަޑިން ޤަބޫލުކުރަން އުނދަގޫވިއެވެ. އެއީ އަޅުގަނޑަށާއި 3 ދަރިންނަށް އެހައި ނިކަމެތި ޙާލުގައި ދިރިއުޅެން ޖެހުނީ ފިރިމީހާގެ ހިތުގައި އަޅުގަނޑުމެންގެ މައްޗަށް ލޯތްބެއް ކުލުނެއް ނެތުމުން ކަމަށް ޤަބޫލުކުރެވޭތީއެވެ.  

ފިރިމީހާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްވެސް ނޫނެވެ. ވީމާ އަތުލައިގަނެފިނަމަ ޢާއިލާއަށް އެހައި ބޮޑު ދެރައެއް ލިބޭނެކަން އެނގޭއިރު އެފަދަ ކަންކަން ކުރާނީ ޢާއިލާއަށް ލޯބި ނެތުމުންކަމަށް ޤަބޫލުކުރެވޭތީއެވެ. އެފަދަ ނިކަމެތި ކަމެއް ލިބުމުން ދިރިއުޅެންޖެހޭ ނިކަމެތި ޙާލު މިހެން ކިޔައިދިނުމަކުން އެއްވެސް މީހަކަށް އިޙްޞާޞެއް ނުކުރެވޭނެއެވެ. ރޭކާލާނީވެސް އެފަދަ ކަމެއް އިޙްޞާޞްކުރަންޖެހުނު އަންހެނަކަށެވެ.  

ފިރިމީހާއަށް އެއްވެސް ނުބައި ބަހެއް ނުބުނަމެވެ. އިހާނެތިކޮށް ކަމެއްވެސް ނުކުރަމެވެ. ކެތްތެރިވެލައިގެން ހުރީއެވެ. ނަމަވެސް ލޯބިން ފިރުމައި އޮޅުލަން ފޫހިވިއެވެ. އެކަމެއް ނުކުރަމެވެ. ފިރިމީހާ އެކަމަށް ނުރުހުންވެ ނުބައި ބަސްތައްވެސް ބުނަން ފެށިއެވެ. ރައްދެއް ނުދެމެވެ.  

އެންމެފަހުން ވަގަށް އަޅުގަނޑުގެ ފޯނު ހޭވަނިކޮށް އަޅުގަނޑު "އޭނާއަށް" ކޮށްފައި ހުރި މެސެޖުތައް ފެނުމުން ޒިނޭކުރިކަމުގެ ތުހުމަތު އެޅުވިއެވެ. އަދި އޭނާ އާއި ދުރުހެލިވެގެން ހުންނަނީވެސް އެނާ އާއި ޒިނޭކުރާތީކަމަށްވެސް ބުންޏެވެ. އެހިސާބުން އަޅުގަނޑު ކޯޓަށް ގޮސް ވަރިވީމެވެ. ހިތާމައަކީ ކޯޓުން އެނާއަށް ޤަޛްފްގެ ޙައްދު ޤާއިމް ނުކުރިކަމެވެ. އަޅުގަނޑަކީ ޢިއްފަތްތެރި އަންހެނަކުކަން ސާބިތުކޮށްދޭން ހުވާކުރަން ތައްޔާރަށް ހުރިކަމަށް ބުނުމުންވެސް އެކަމަށް ޤާޟީ އެއްވެސް ސަމާލުކަމެއް ނުދިނީތީ ވަރަށް ހިތާމަކުރަމެވެ.  

ޢިއްދަ ހަމަވުމުން އަޅުގަނޑު ދެވަނަ ކައިވެނި ކުރީމެވެ. ޢުމުރުން ގެއްލިގެން ދިއ 16 ވަރަކަށް އަހަރު ގެއްލިދިއައީއެވެ. އުފަލުން ދިރިއުޅެން ކުރި ކައިވެނި އަލިފާނަށްވުރެ ހޫނުވީނަމަވެސް ހަބަރަށްވުރެ ހިތިވީ ނަމަވެސް މިހާރު އަޅުގަނޑު ދިރިއުޅެމުން މިދަނީ ވަރަށް އުފަލުގައެވެ. ދެމަފިރިން އެކުގައި މިގެންދަނީ ޢާޚިރަތް ހޯދަން މަސައްކަތްކުރަމުންނެވެ. ފިރިމީހާއަކީ ތަޤްވާވެރިކަމުގައި އަރާހުރި މީހެކެވެ.  

3 ދަރިންވެސް ތިބީ އަޅުގަނޑާއިއެކުގައި އަޅުގަނޑު ގާތުގައެވެ. ބޭނުންނަމަ ބައްޕަ އާއިއެކުގައި އުޅުމަށް ބުނީމެވެ. ނަމަވެސް އެކުދިން ބޭނުންވީ އަޅުގަނޑާއިއެކު ދިރިއުޅޭށެވެ. ދިރިއުޅޭނެ ތަނެއް ކުއްޔަށް ހިފާފައިވަނީވެސް ދަރިންނެވެ. ފިރިމީހާވެސް ކުލިދައްކަން އެހީތެރިވެއެވެ.  

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިފަދަ ބޮޑު ކުރިއެރުމެއް އަޅުގަނޑަށް ލިބުނީ ދަތިޙާލަށް ކެތްތެރިވުމުންނެވެ. ދަތިޙާލުގައި ފުށްޖަހައިގެން ނުނުކުމެ އަމިއްލަ ދެއަތުން މަސައްކަތްކޮށްގެން ދިރިއުޅެން މަސައްކަތްކުރީތީއެވެ. ދެއްވެވި މިންވަރަށް ޝުކުރުކޮށްގެން ދިރިއުޅުނީތީއެވެ.

 

- ސަލީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން