ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ސްކޭމް އަދި މަކަރާއި ހީލާތުގެ މައްސަލަތައް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. ފުލުހުން މިކަން ހާމަކޮށްފައިވަނީ ސައިބަރ ކްރައިމް ސެންޓަރާއި އެންޓި ސްކޭމް ސެންޓަރުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ބުރާސްފަތި ދުވަހު ބޭއްވި މި ބައްދަލުވުމުގައި ފުލުހުން ވަނީ ސައިބަރ ކްރައިމް ސެންޓަރަށް މިއަހަރު ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އެ ސެންޓަރަށް ޖުމްލަ 814 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 90 އިންސައްތައިގެ ބޮޑު އިތުރުވުމެއްކަން ފުލުހުން ފާހަގަކުރެއެވެ.
ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނައީ ސްކޭމް އަދި މަކަރާއި ހީލާތުގެ މައްސަލަތަކެވެ. މިއީ މުޅި ޖުމްލަ މައްސަލަތަކުގެ 66 އިންސައްތައެވެ. މީގެ އިތުރުން ފޯނާއި މީސް މީޑިއާ އެކައުންޓުތައް ހެކް ކުރުމާއި، ބްލެކްމެއިލް ކުރުމާއި، އަބުރާ ބެހުމުގެ އިތުރުން ބިރުދެއްކުމުގެ މައްސަލަތައް ހިމެނެއެވެ. ޚާއްޞަކޮށް ބްލެކްމެއިލް ކުރުމުގެ މައްސަލަތައް 10 އިންސައްތަ ހިއްސާކުރާއިރު، ރާއްޖެއިން ބޭރުގައި ތިބެގެން ދިވެހިން ބްލެކްމެއިލް ކުރާކަން ފާހަގަކުރެވިފައިވާތީ ފުލުހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވީ، މިއަހަރުގެ މިހާތަނަށް 1095 މީހަކަށް އެކި ބާވަތުގެ އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށެވެ. "ފޯރުކޮށްދެވިފައިވާ އެހީތެރިކަމަށް ބަލާނަމަ އަޅުގަނޑުމެން މައްސަލަތަކާއި ގުޅިގެން ހުށަހެޅިފައިވާ ކަންތައްތަކުގެ ތެރެއިން އެފަރާތްތަތަކުގެ ސޯޝަލް މީޑިއާ ރިކަވަރ ކުރުމާއި، މޯބައިލް ފޯން ހެކް ކުރުމާއި، ތަފާތު އެކި ސޯޝަލް މީޑިއާގެ އެކައުންޓުތަކުގެ ސެޓިން ހެދުމުގެ މަސައްކަތްވެސް އަޅުގަނޑުމެން މި 1095 އަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ،" އަޒީފް ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، ސައިބަރ ކްރައިމް ސެންޓަރަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 111 މައްސަލައެއްގެ ތަޙުޤީޤު މިހާރުވެސް ދަނީ ކުރިއަށެވެ. މިފަދަ ކުށްތަކުން ސަލާމަތްވުމަށް އާންމުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.