ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް އެއް މިލިޔަނަށްވުރެ ގިނަ ގަސް އިންދައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް އެއް މިލިޔަނަށްވުރެ ގިނަ ގަސް އިންދައިފި

ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 1,027,372 ގަސް އިންދާފައިވާ ކަމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރެއްވީ އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ޕްރޮގްރާމުގެ ދަށުން މިއަހަރުގެ ތެރޭގައި އެއް މިލިޔަން ގަސް އިންދުމަށް ސަރުކާރުން ކަނޑައެޅި އަމާޒު މިހާރު ވަނީ ހާސިލްކުރެވިފައެވެ. ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވީ، މިއީ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމެއް ނަމަވެސް، އެކި މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ދީފައިވާ ޔަގީންކަމާއެކު މި ޕްރޮގްރާމުގެ ދަށުން ޖުމްލަ 6.4 މިލިޔަން ގަސް އިންދޭނެ ކަމަށް ބެލެވޭ ކަމަށެވެ.

އިންދާ ގަސްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ވަޒީރު ވިދާޅުވީ ގަސްތަކުގެ ހެދިބޮޑުވުމަށް ފެން ދިނުމަކީ މުހިންމު ކަމަކަށްވާތީ، އެކަމަށްޓަކައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ބޮޑެތި ރަށްރަށުގައި ގަސްތަކަށް ފެން ދިނުމަށް، މަގުތަކުގައި ހުންނަ ގަސްތަކަށް ފެން ދިނުމަށް އަޅުގަނޑުމެން މިދަނީ އިލެކްޓްރިކް ވެހިކަލް ހޯދުމުގެ މަސައްކަތް ކުރަމުން. ގަސްތަކުގެ ހެދި ބޮޑުވުމަށް ފެން ދިނުމަކީ މުހިންމު ކަމެއް. އެހެންވެ ފެނާއެކު ދިއުމަށް ނޫނީ ފެން ދިނުމަށް އިލެކްޓްރިކް ވެހިކަލް ހޯދުމުގެ މަސައްކަތް އެބަކުރަން" ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވިއެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން އިންދާ ގަސްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެކި ސަރަހައްދުތަކުގައި ފެންދޭނެ ނިޒާމުތައް ހޯދުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.

މިއަދު އޮންލައިން