އައު އަހަރުގެ ބަންދާ ދިމާކޮށް ކުރިއަށް އޮތް ހަތަރު ދުވަހު ބޭންކުތައް ބަންދުވި ނަމަވެސް، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ބޭންކިންގ ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ ކަމުގެ ޔަގީންކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދީފިއެވެ.
އައު އަހަރާ ދިމާކޮށް، 31 ޑިސެންބަރު 2025 ވާ ބުދަ ދުވަހުން ފެށިގެން 3 ޖަނަވަރީ 2026 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރާއްޖޭގައި ހިންގާ ބޭންކުތައް ބަންދުވާނެއެވެ. ބަންދު ދުވަސްތަކަށްފަހު ބޭންކުތައް އަލުން ހުޅުވާނީ 4 ޖަނަވަރީ 2026 ވާ އާދިއްތަ ދުވަހުއެވެ.
ބީއެމްއެލުން ހާމަކުރި ގޮތުގައި، ބޭންކުތަކުގެ ބްރާންޗުތައް ބަންދުވި ނަމަވެސް، އިންޓަނެޓް ބޭންކިންގ، ސެލްފް ސަރވިސް ބޭންކިންގ އަދި އޭޓީއެމް މެދުވެރިކޮށް ހުރިހާ ބޭންކިންގ ޚިދުމަތެއް ކަސްޓަމަރުންނަށް ލިބޭނެއެވެ. މީގެ އިތުރުން، ބޭންކުގެ ކޮންޓެކްޓް ސެންޓަރުގެ ނަންބަރު 3330200 އާއި ވެބްޗެޓް އަދި ބޭންކުގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން 24 ގަޑިއިރު ލިބޭނެ ކަމަށްވެސް އެ ބޭންކުން ވިދާޅުވެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބީއެމްއެލް އަދި އެމްއައިބީން ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް، ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތްވެސް ބަންދު ދުވަސްތަކުގައި މެދުނުކެނޑި ލިބޭނެއެވެ.