މިއަދު އެކަނި 22،000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް އެއާޕޯޓުން ޚިދުމަތް ދޭނެ: އެމްއޭސީއެލް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
މިއަދު އެކަނި 22،000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް އެއާޕޯޓުން ޚިދުމަތް ދޭނެ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް (ވީއައިއޭ) މިއަދަކީ ވަރަށް ބާރުބޮޑު ދުވަހެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށާއި، މިއަދު އެކަނިވެސް 22،000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

އެމްއޭސީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަދު އެއާޕޯޓުން 11،000 އަށް ވުރެ ގިނަ މީހުން ފުރާނެ ކަމަށް ލަފާކުރެވެއެވެ. އަދި ހަމައެއާއެކު، 11،100 އަށް ވުރެ ގިނަ މީހުން ރާއްޖެ އަންނާނެ ކަމަށްވެސް އެ ކުންފުނީގެ ހިސާބުތަކުން ދައްކައެވެ.

އެއާޕޯޓަށް ބާރުބޮޑުވާ މިފަދަ ދުވަސްތަކާ ދިމާކޮށް އެމްއޭސީއެލްއިން އަންނަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުނުކެނޑި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ފުރަންދާ ފަސިންޖަރުން ވީހާވެސް ދުރާލާ އެއާޕޯޓަށް ދިއުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ފުރަންދާ މީހުންނަށާއި އެއާޕޯޓުގެ އެކި ޚިދުމަތްތައް ހޯދުމަށް އަންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެމްއޭސީއެލްގެ މުވައްޒަފުން އެއާޕޯޓުގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްއޭސީއެލްއިން އިތުރަށް ފާހަގަކުރި ގޮތުގައި، މިއަދަކީ އެއާޕޯޓަށް ބާރު ބޮޑު ދުވަހެއް ނަމަވެސް، އަލަށް ހުޅުވުނު ޓާމިނަލްގެ ސަބަބުން ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބޭ ތަޖުރިބާ ކުރިއަށްވުރެ ރަނގަޅުވެގެންދާނެއެވެ. މިއީ ފަތުރުވެރިކަމުގެ އެންމެ ބާރުބޮޑު ދުވަސްވަރަށް ވުމާއެކު، އެއާޕޯޓުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

މިއަދު އޮންލައިން