ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ތެރެއިން 399 މީހަކަށް ފްލެޓުގެ ތަޅުދަނޑި ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ތެރެއިން 399 މީހަކަށް ފްލެޓުގެ ތަޅުދަނޑި ހަވާލުކޮށްފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ތެރެއިން މިހާތަނަށް 399 މީހަކަށް ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ގެދޮރުވެރިޔާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވީ، ޖުމްލަ 3879 ފަރާތަކާއެކު ފްލެޓު އެއްބަސްވުން ގާއިމްކުރެވިފައިވާ ކަމަށެވެ. އަދި އެއްބަސްވުން ހެދިފައިވާ ހުރިހާ ފަރާތްތަކަކަށް އަންނަ ޖަނަވަރީ މަހުގެ ތެރޭގައި ތަޅުދަނޑި ހަވާލުކޮށް ނިންމާލެވޭނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ފްލެޓުތައް ހަވާލުކުރުން ލަސްވެގެންދިޔަ ސަބަބާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ކުރިން އެކުލަވާލާފައިވާ އެއްބަސްވުންތަކުގައި ފެނާއި ކަރަންޓުގެ މަސައްކަތްތައް ހިމެނިފައި ނުވުމަކީ އޭގެ އެއް ސަބަބު ކަމަށެވެ. ނަމަވެސް މި މަސައްކަތްތައް އަވަސްކުރުމަށް ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މަޝްރޫޢުގެ ކުރިއެރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "މި ސަރުކާރު ހަވާލުވީއިރު މަސައްކަތް ނިމިފައިވަނީ %33، 2 އަހަރު ތެރޭ %68 މަސައްކަތް ނިންމާ، ފެނާ ކަރަންޓު ގުޅުމުގެ މަސައްކަތް ނިންމާ، ލޭންޑު ސްކޭޕިންގެ މަސައްކަތް ނިންމާ، މިހާރު ފްލެޓުތައް ހަވާލުކުރަމުން އެދަނީ،" މިހެންނެވެ.

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހުރިހާ ފްލެޓްތަކެއްގެ މަސައްކަތް ނިންމައި، ހައްގުވެރިންނާ ތަޅުދަނޑި ހަވާލުކޮށް ނިންމުމެވެ.

މިއަދު އޮންލައިން