ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ޖެނުއަރީ 20 އަށް ނިންމާލެވޭނެ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ޖެނުއަރީ 20 އަށް ނިންމާލެވޭނެ: ވަޒީރު

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހަށް ނިންމާލެވޭނެ ކަމަށް ޢިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވީ، ގޯތި ދިނުމަށް ނިންމާފައިވާ ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް މިހާރު ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން، އެ ސަރަހައްދުން ހިއްކުމަށް ކަނޑައަޅާފައިވާ 63 ހެކްޓަރުގެ ތެރެއިން 47 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިންމާފައެވެ. މިހާރު ތާވަލުކުރެވިފައިވާ ގޮތުން، ބާކީ އޮތް ބައި ހިއްކައި އަންނަ މަހުގެ 20 އަށް މުޅި މަޝްރޫޢު ނިންމާލެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"މިހާރު މަސައްކަތް ޕްލޭން ކުރެވިފައިވާ ގޮތުން 20 ޖަނަވަރީ 2026 އަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެ،" ވަޒީރު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަން ޤާއިމްކޮށްދިނުން ކަމަށެވެ. އެގޮތުން، އެއް ކޮޓަރި ނުވަތަ ދެ ކޮޓަރީގެ ބަދަލުގައި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް ސަރުކާރުން އިސްކަންދެނީ އާއިލާތަކަށް ހަމަޖެހިލައިގެން އުޅޭނެ މަގު ތަނަވަސްކޮށްދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުން އިޢުލާން ކުރާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ބިނާކުރާނީ ރައްޔިތުންނަށް ވީހާވެސް ފަސޭހަވާނެ ގޮތްތަކަށް ބަލައިގެން ކަމަށްވެސް ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން