އަންހެނުންނަށް އަމިއްލަ މަސައްކަތުގައި ކުރިއަރައިގެން ނުދެވޭނެކަމަށް ޤަބޫލުކޮށް އަމިއްލަ މަސައްކަތެއް ފަށަން އެހީތެރިވާން ގިނަ ފިރިން ޖެހިލުންވަނީ ކީއްވެގެންތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއަ މައްސލައަކީ މުޖުތަމަޢުގައި އޮތް މައްސަލައެކެވެ. ބޮޑަށް ލަފާކުރެވެނީ ތިއަ ބުނާ ގޮތަކަށް ނޫނެވެ. މާބާރަށް ކުރިއަރައިގޮސް ތިމާ ބާކީވެދާނެތީ ކަންބޮޑުވަނީ ކަމަށެވެ. އަދި އަނބިން އަމިއްލަ މަސައްކަތްކުރާނަމަ ޢާއިލީ ދިރިއުޅުމަށް ނުރަނގަޅު އަސަރުކުރާނެ ކަމަށް ވިސްނާ ބައަކުވެސް އުޅެއެވެ. އެހެންކަމުން މިއީ ވަކިމިވެނި ސަބަބަކާއިހުރެ ކުރިމަތިވާ މައްސަލައެއްކަމަށް ބުނަން އުނދަގުލެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
މިއަދު ގިނަ ބައަކަށް ވަޒީފާއަކަށްވަނީ ކޮންމެވެސް ތަނެއްގައި ވަޒީފާއަދާކުރަން ލިބުމުންނެވެ. އެންމެ ރަނގަޅު އަދި އެންމެ ބޮޑު މުސާރަ ލިބެން އޮތް ވަޒީފާއަކީ އަމިއްލަ ހިތްވަރުން ކުރާ މަސައްކަތްކަމަށް ޤަބޫލުކުރަން ގިނަ ބައަކަށް އުނދަގޫވެއެވެ.
އެހެންވެ އިޤްޠިޞޯދީ ޢިލްމުވެރިން ވިދާޅުވަނީ ތަނެއްގައި ވަޒީފާއަދާކުރުމަކީ ތިމާއަށް ހޯދެން އޮތް ތަނަވަސްކަމުގައި ބޮޑުތަޅުލުން ކަމަށެވެ. އަދި ކިތަންމެ އާދައިގެ ފެންވަރުގައި ފަށައިގަތް ނަމަވެސް އާމްދަނީ ޙޯދަން އަމިއްލައަށް ކުރަންފަށާ މަސައްކަތަކީ ބެހެއްޓޭ ފުންމިން ނުއެނގޭ ތިޖޫރީއެއް ކަމަށެވެ. މާނައަކީ އިމެއް ނެތި ފައިސާ ހޯދައި ޖަމާކުރެވެން އޮތް މަގެއް ކަމަށެވެ.
ތިރީގައި އެވަނީ މިބުނި ކަންކަމަށް ހެކިލިބޭ އަދި ތިމާއަށް ރީތިކަން ލިބުމުން އަބަދު ތަނަވަސް އަންތބަކަށް އިނދެވޭނެ ކަމަށް ޤަބޫލުކުރާ އަންހެނުންނަށް ވަރަށް ޢިބްރަތްތެރި 2 ވާހަކައެވެ.
ފުރަތަމަ ވާހަކަ:
ލޫސީއަކީ ސްކޫލަށް ދިއަ ނަމަވެސް ކިޔެވި ކުއްޖެއް ނޫނެވެ. ފިލާވަޅު ދަސްކުރުމަކީ އެއްގޮތަކަށްވެސް އޭނާ ކުރާ ކަމެއް ނޫނެވެ. އޭނާ ސްކޫލްގައި އުޅެމުން ވެސް ކިޔެވީ އޭނާގެ ރީތިތިކަމަށް ތަޢްރީފްކުރާ ފިރިހެނުންގެ ފޮތްތަކުންނެވެ. މުދައްރިސުންނަކީ ވެސް ގަޔާވާ ފިރިހެނުން ކަމަށް ބަލައިގެންނެވެ.
އެކަމުގެ ނަތީޖާޢަކީ ލޫސީއަށް ޔޫސެޓެއް ލިބި ފާސްނުވެފައި އެހެންކުދިން ފާސްވި ނަމަވެސް އެކުގައި ކިޔެވި ދަރިވަރުން ވަޒީފާއެއް ނިލިބި އިންތިޒާރުގައި ތިއްބައި ލޫސީ ކައިވެނިކޮށްލައިގެން ނުލާހިކު އަގުބޮޑު ދިރިއުޅުމެއް ފަށައިފިއެވެ.
ޖަބީނާ އަކީ ލޫސީ އާއިއެކުގައި ކިޔެވި ކުއްޖެކެވެ. މަތިން ފާސްވެސްވިއެވެ. ޖަބީނާގެ މަޤްޞަދެއް އޮތުމުން ވަޒީފާއަދާކުރަންފެށީ ރެސްޓޯރަންޓެއްގައެވެ. އޭނާ ބޭނުންވީ ކެއްކުމާއި ވެއިޓަރުކަމާއި މިހެންގޮސް ރެސްޓޯރަންޓެއްގައި ކުރާނެ ހުރިހާ މަސައްކަތްތަކެއް ދަސްކުރާށެވެ. އެއިގެ ފަހުން--- އެއީ ބޮޑު ސިއްރެވެ.
ލޫސީ ތަނަވަސް މީހަކާއި ކައިވެނިކޮށްގެން އުޅުނު ދުވަސްވަރު ޖަބީނާ މަސައްކަތްކުރާ ރެސްޓޯރަންޓަށް ކާންދެވޭ ފަހަރުތަކުގައި ޖަބީނާއަށް މަލާމާތާ ފުރައްސާރަ ކުރެއެވެ. ރެސްޓޯރަންޓެއްގައި މަސައްކަތްކުރާތީއެވެ. އޭނާފަދަ ތަނަވަސް އަންތބަކަށްވާން މަސައްކަތްނުކުރާތީއެވެ. ނަމަވެސް ޖަބީނާ ކަންބޮޑެއް ނުވެއެވެ. ހަމަ މަސައްކަތުގައި ދެމިހުރީއެވެ.
ލޫސީމެންގެ ކައިވެންޏަށް 5 އަހަރުވިތަނާ ލޫސީގެ ފިރިމީހާ އަށް ލޫސީ ކަމުނުގޮސްގެން ބާކީކޮށްލައިފިއެވެ. ސަބަބެއްކަމަށް ބުނީ ވިޔަފާރިއާއިބެހޭ އެއްވެސް ކަމެއް ދަސްވެފައިނެތުމާއި ދަސްކުރަން ޝައުޤުވެރިކަން ނެތުމެވެ. ހަމައެކަނި ކުރަންއެނގޭ ކަމަކީ ފައިސާ ޚަރަދުކުރުންކަމަށްވާތީކަމެވެ.
ވަރިކުރުމުން ފުރަތަމަ 3 އަހަރު ހިނގީ ވަޒީފާއެއް ލިބޭތޯއެވެ! ކޮންމެ ތަނަކުންވެސް ބުނަނީ ތައުލީމެއް ތަޖުރިބާއެއް ނެތި ދޭނެ ވަޒީފާއެއް ނެތްކަމަށެވެ. އެއަށްފަހު ކޮފީބާތަކަށް ގޮސް އެކަނި އިނދެއިނދެ ވަރުބަލިވާއިރުވެސް އަނގައިން ބުނާނެ ރީތި ތަނަވަސް ފިރިހެނަކުވެސް ނުލިބެއެވެ. ހައްތާވެސް ވާހަކަދައްކަނީ އުމުރުން ދުވަސްވީ، އަތުގައި މާގިނަ ފައިސާ ނެތް މީހުންނެވެ.
މިހެން އުޅުމުގެ ތެރޭގައި އެކުގައި ކްލާހުގައި ކިޔެވި ކުއްޖެއްގެ ދަރިފުޅެއްގެ ވަލީމާއަކަށް ދައުވަތު ލިބުނެވެ. އެއީ ވަރަށް ފަހުން ހުޅުވި ރަށުގެ އެންމެ މަޝްހޫރު އެއްރެސްޓޯރަންޓެވެ. އެހެންވެ ދާން ލާނެ އައު ހެދުމެއްލާން ބޭނުންވެގެން ބެލިއިރު ހުރިހާ ހެދުންތައް ހުރީ ބައުވެފައެވެ. މޭކަޕްކުރާނެ ސާމާނެއް ނެތެވެ. ޖަހާނެ ސެންޓެއް ނެތެވެ. އަޅާނެ އަގުބޮޑި ގަހަނާއެއްވެސް ނެތެވެ. މިހެން ގޮސް ބަލައިފިނަމަ އެފަދަ ދައުވަތަކަށްދާން ލާނެ ފެންވަރުގެ އެކައްޗެއްވެސް ނެތެވެ.
ހުރި ފޭރާމުން ޒީނަތްތެރިވެގެން ރެސްޓޯރަންޓަށް ދިއުމާއިއެކު ދޮރުމަތިން ފުރަތަމަ މަރުޙަބާކީ ޖަބީނާއެވެ. ޖަބީނާ އާއި ވާހަކަދައްކަން މަޑުކޮށްލިތަނާ ތަނުގެ މުވައްޒިފުން "މެޑަމް" ކިޔައިގެން ޖަބީނާ އާއި މުޚާޠަބް ކުރާތީ އެތަނުގެ ވެރިއަކީ ޖަބީނާކަން ވިސްނގެން ސުވާލުކުރުމުން ޖަބީނާ ބުނީ އޭނާގެ މަސައްކަތުން ހުޅުވި ތަނެއްކަމަށެވެ. އަދި ހިންގަނީ އޭނާ ކަމަށެވެ.
ލޫސީއަށް ވިސްނުނެވެ. ޖަބީނާ އޭނާގެ އަމިއްލަ މަސައްކަތުން ތަނަވަސްކަން ހޯދީއެވެ. ރަނގަޅު ދިރިއުޅުމެއް ލިބުނީއެވެ. އާވާރާވެގެން އުޅެވުމުން އޭނާ ބާކީވީއެވެ.
މިވާހަކައިގައި ޙަޤީޤަތް އޮތް މިންވަރެއް އެނގޭނީ ލިޔުނު މީހަކަށެވެ. މިވާހަކަ އަޅުގަނޑު ކިޔާފައިވަނީ ސޯޝަލް މީޑިއާއިންނެވެ. މިވާހަކަ ކިޔާފައި މިއީ ވަރަށް ޢިބްރަތްތެރި ފިލާވަޅަކަށްވުމުން މިއަދުނޫހުގެ ކިޔުންތެރިންނާއި ހިއްޞާކޮށްލަން ބޭނުންވީއެވެ.
މިވާހަކަ އާއި އަޅުގަނޑުގެ ޙަޔާތާއި ހުރި ގުޅުން އަޅުގަނޑުގެ އެކުވެރިންނަށް ރަނގަޅަށް އެނގޭނެއެވެ. އަޅުގަނޑަކީ ހަމަ ޖަބީނާ ފަދައިން ކިޔަވައިގެން ނުކުމެ ރެސްޓޯރަންޓެއްގެ ބަދިގޭގައި މަސައްކަތްކުރަން ފެށި އަންހެނަކީމެވެ. އަދި މިވީ 6 އަހަރެވެ. މިހާރު އަޅުގަނޑުގެ އަމިއްލަ ރެސްޓޯރަންޓެއް އެބަހުއްޓެވެ. ޕާޓީތައް ބާއްވައިދެމެވެ. އޯޑަރުތަކަށް ކެއުން ހަމަޖައްސައިދެމެވެ.
އަޅުގަނޑުގެ ފިރިމީހާއަކީ މަސައްކަތުގައި އަޅުގަނޑުގެ ބައިވެރިޔާއެވެ. ބޭރުން ކުރަންޖެހޭ ހުރިހާކަމެއް ކުރުމުގައި އިސްކޮށް ހުންނަނީ ފިރިމީހާއެވެ. ކެއްކުމާއި ރެސްޓޯރަންޓް ހިންގުމުގެ ހުރިހާ ޒިންމާއެއް އުފުލަނީ އަޅުގަނޑެވެ. މަހަކު ލިބޭ އާމްދަނީ ރައީސުލްޖުމްހޫރިއްޔާގެ މުސާރައަށްވުރެ މަދެއް ނޫނެވެ.
އަޅުގަނޑު އަބަދުވެސް ޖަބީނާ ފަދައިން އަބަދުވެސް ވިސްނަމުން އައީ އަމިއްލަ މަސައްކަތުން ދިރިއުޅޭށެވެ. ކާމިޔާބުކުރެވުނީ ބުރަ މަސައްކަތުންނެވެ. ނަމަވެސް މިހާރު މިހުރީ ހިތްހަމަޖެހިގެންނެވެ.
ވީމާ އަޅުގަނޑު ޒުވާނުންނަށް ދޭން ބޭނުންވާ މެސެޖަކީ ބޮޑު މަޤާމެއް ލިބޭ ވަޒީފާތަކަށް އެންމެން ކުރިމަތިލާންވެއްޖެނަމަ އަތުން މަސައްކަތްކުރާނެ ބައަކު ނުތިބޭނެއެވެ. ބަލަންވީ މަޤާމަކަސް ނޫނެވެ. ރަނގަޅު އާމްދަނީއެއް ހޯދުމަށެވެ.
- މަރްޔަމް އިބްރާހީމް / މިއަދުނޫހުގެ ކިޔުންތެރިއެއް.