ރައްޔިތުން ދައްކާ ވާހަކަ ކަނުލާ އަޑުއެހުމަކީ ރައީސް ޑރ.މުޢިއްޒުގެ ފަރާތްޕުޅުން ދަސްވި ވަރަށް މުހިންމު ސިފައެއް: ނައިބު ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ރައްޔިތުން ދައްކާ ވާހަކަ ކަނުލާ އަޑުއެހުމަކީ ރައީސް ޑރ.މުޢިއްޒުގެ ފަރާތްޕުޅުން ދަސްވި ވަރަށް މުހިންމު ސިފައެއް: ނައިބު ރައީސް

ރައްޔިތުން ދައްކާ ވާހަކަ ކަނުލާ އަޑުއެހުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ދަސްވި ވަރަށް މުހިންމު ސިފައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ 63 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ގެނެސްދިން "ބާއްޖަވެރި ހެނދުނެއް" ގެ ޚާއްޞަ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މި ޕްރޮގްރާމުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއެކު މަސައްކަތް ކުރެއްވުމުގެ ތަޖުރިބާ ހިއްސާކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، މީހުން ދައްކާ ވާހަކަ އަޑުއެހުމަކީ ރައީސްގެ ފަރާތްޕުޅުން ފެނިގެންދިޔަ އެންމެ މުހިންމު އެއް ސިފަ ކަމަށެވެ. ޚާއްޞަކޮށް ކުރިމަތިވާ ގޮންޖެހުންތަކުގެ ތެރޭގައި ވެސް ކަންކަން ކަނުލާ އަޑުއެހުމުގެ މުހިންމުކަން އެމަނިކުފާނަށް ދަސްވެވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، "އަޅުގަނޑުވެސް ބައެއް މީޓިންތަކުގައި އިންނައިރު ކަނުލާ ކަންކަން އަޑުއެހުން. އަޑުއެހުމުގައި އެ ދޭންޖެހޭ ސަމާލުކަން އެ ރައްޔިތަކަށް ދީ އެ ނިމުމަށްފަހު ހަޤީޤަތުގައި ދެން އެ އަންނަނީ އަޅުގަނޑުމެންގެ ރަސްމީ މަސައްކަތް. އެކަމަށް އިޖާބަދީ ޖަވާބުދާރީވުން. މިއީ، އަޅުގަނޑަށް ދަސްވި ވަރަށް މުހިންމު ސިފަތަކެއް،" ކަމަށެވެ.

މީގެ އިތުރުން، ރައްޔިތުންނަށް ދޭންޖެހޭ ސަމާލުކަން ދިނުމަށްފަހު އެކަންކަމަށް އިޖާބަދީ ޖަވާބުދާރީވުމަކީ ސަރުކާރުގެ ރަސްމީ މަސައްކަތުގެ މުހިންމު ބައެއްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން