އަންނަ އަހަރުގެ ތެރޭގައި ސަރުކާރުން ކުރިއަށްގެންދާނެ އެންމެ މުހިއްމު އެއް މަޝްރޫޢަކީ ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތައް މިހާރު ހުރި ހާލަތަށްވުރެ ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުން ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ވަޒީރު ވިދާޅުވީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ޞިއްޙީ ދާއިރާއަށް ބޮޑު އިންސައްތައެއް ކަނޑައަޅާފައިވާ ކަމަށާއި، މީގެ މައިގަނޑު މަޤްޞަދަކީ އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް ވަރުގަދަކުރުން ކަމަށެވެ. އަދި 2026 ވަނަ އަހަރަކީ ޞިއްޙީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ހިންގާނެ އަހަރެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ރީޖަނަލް ހޮސްޕިޓަލްތަކުގެ ފެންވަރު މަތިކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "ވަރަށް މުހިއްމު ޕްރޮޖެކްޓެއްގެގޮތުގައި 2026 ވަނަ އަހަރު ކުރިއަށްދާނެ ކަމަކީ މިހާރު އަޅުގަނޑުމެން ފަށާފައިއޮތް ރީޖަނަލް ހޮސްޕިޓަލްތައް މިހާރު ހުރި ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް ގެންދިޔުން، އިތުރު ޑޮކްޓަރުންނާއި، އިތުރު ބަލިތަކަށް ފަރުވާދެވޭނެ ސްޕެޝަލިސްޓުން ގެނައުން، މިއާ ގުޅިފައިހުރި އިންފްރާސްޓްރަކްޗަރ، އިމާރާތަށް އެޅުމުގެ މަސައްކަތް" ކަމަށެވެ.
މީގެ އިތުރުން، އަތޮޅު ހޮސްޕިޓަލްތަކާއި އާބާދީ ކުދި ރަށްރަށުގައި ހުރި ހެލްތު ސެންޓަރުތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައިވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ރަށްރަށުގައި ތިބެގެން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.