ކޮންމެ ކުއްޖަކަށް ޢާއިލާއެއް ސިޔާސަތުގެ ދަށުން މިހާތަނަށް 110 ކުއްޖަކު އާޢިލާތަކާއި ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 52ސ
ކޮންމެ ކުއްޖަކަށް ޢާއިލާއެއް ސިޔާސަތުގެ ދަށުން މިހާތަނަށް 110 ކުއްޖަކު އާޢިލާތަކާއި ހަވާލުކޮށްފި

ސަރުކާރުން ކުރިއަށްގެންދަވާ "ކޮންމެ ކުއްޖަކަށް އާއިލާއެއް" ސިޔާސަތުގެ ދަށުން މިހާތަނަށް 110 ކުއްޖަކު އެކުދިންގެ އާއިލާތަކަށް ނުވަތަ އައު އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވަނީ މި ޕްރޮގްރާމުގެ ކާމިޔާބީއާ ގުޅޭ ތަފްސީލުތައް ހިއްސާކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޚާއްސަކޮށްގެން ހިންގާ މި ޕްރޮގްރާމަކީ ސަރުކާރުން އިޖުތިމާޢީ ދާއިރާއިން ކުރަން ރާވާފައިވާ އެންމެ މުހިންމު އެއް މަސައްކަތް ކަމަށެވެ. އެކި ހާލަތްތަކުގައި އާއިލާތަކުން ނެގޭ ކުދިން ބެލެހެއްޓުމުގެ ޒިންމާ ވުޒާރާއިން ފުރިހަމައަށް އަދާކުރަމުންދާ ކަމަށާއި، ނަމަވެސް އާއިލާތަކާ ދުރުގައި ކުދިން ގެންގުޅުމަކީ އެކުދިންނަށް ބޭނުންވާ ހުނަރުތައް މަދުވާ ކަމެއްކަން ފާހަގަކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެއް ކޮންމެ ކުއްޖަކަށް އާޢިލާއެއް. މި ޕްރޮޖެކްޓުގެ ދަށުން 2023 ގެ ނޮވެމްބަރުން ފަށައިގެން 110 ކުދިން އެކުދިންގެ އާއިލާއަށް ނޫނީ، އައު އާޢިލާތަކާއި ހަވާލުކުރެވިގެން ވަރަށް ރަނގަޅަށް އެބަހިނގާ. އަޅުގަނޑުމެންގެ އެދުމަކީ މި ޕްރޮގްރާމުގައި ބައިވެރިވެ ކުދިން ބެލެހެއްޓުމުގައި ވުޒާރާއާއި ގުޅިގެން މަސައްކަތް ކުރުން" ވަޒީރު ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ދަށުން ކުދިންނާ ހަވާލުވާ އާއިލާތަކުގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރައްވައި، އެ އާއިލާތަކުން ކުދިން ބަލަހައްޓަމުންދަނީ ވަރަށް ފުރިހަމައަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، އަމާން ވެށިތައް އިތުރަށް ތަރައްޤީކޮށް ކުދިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ މަސައްކަތުގެ ތެރެއިން، މިފަހުން ފ. އަތޮޅުގައި އަމާންވެއްޓެއް ޤާއިމްކޮށްފައިވާކަން ވަނީ ހާމަކުރައްވާފައެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން މުޖުތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އެކުދިން އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިވުމުގެ ގޮތުން އިންޓާންޝިޕް ފުރުސަތުތައް ހޯދައިދެމުންދާ ކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި 23 ކުއްޖަކަށް އިންޓާންޝިޕް ފުރުސަތު ހޯދައިދީ، 40 ކުއްޖަކަށް އެކި ދާއިރާތަކުން ތަމްރީނު ދީފައިވާ ކަމަށް ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

މިއަދު އޮންލައިން