"އެމްޕަވަރމަންޓް ހަބު"ގެ މަސައްކަތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
"އެމްޕަވަރމަންޓް ހަބު"ގެ މަސައްކަތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފަށަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން ތަރައްޤީކުރާ "އެމްޕަވަރމަންޓް ހަބު"ގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ޑރ. ޢާއިޝަތު ޝިހާމްއެވެ.

މި ހަބަކީ މައިގަނޑު ގޮތެއްގައި 18 އަހަރާއި 40 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނަށް އަމާޒުކޮށްގެން ތަރައްޤީކުރާ ތަނެކެވެ. މީގެ މައިގަނޑު މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ތަރައްޤީކުރުމާއި، މަސައްކަތުގެ ތަޖުރިބާ ހޯދައިދީ، އެފަރާތްތަކަށް އިޤްތިޞާދީ މިނިވަންކަން ހޯދައިދިނުމަށް މަގުފަހިކޮށްދިނުން ކަމަށް އިޖުތިމާޢީ ވުޒާރާއިން ވިދާޅުވެއެވެ.

ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، އެމްޕަވަރމަންޓް ހަބު ތަރައްޤީ ކުރާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެފަރާތްތަކުގެ އާއިލާތަކާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ފަދަ ގޮތަކަށް ކަމަށެވެ. މީގެ އިތުރުން، އެކި ބާވަތުގެ މަސައްކަތްތައް ދަސްކޮށް، އެ މަސައްކަތްތަކަށް ފަރިތަވުމުގެ ފުރުޞަތުވެސް މި މަރުކަޒުގެ ތެރެއިން ފަހިވެގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން އެތަނުގައި ޒަމާނީ ކޮމްޕިއުޓަރ ސެންޓަރެއް ޤާއިމްކުރުމަށް ވަނީ ރޭވިފައެވެ. "ކޮމްޕިއުޓަރަށް މޮޅު ކުދިންނަށް އެތަނަށް އައިސް އެކަމުގެ ތަމްރީން ހޯދޭނެ،" ވަޒީރު ވިދާޅުވިއެވެ. މިއީ ޓެކްނޮލޮޖީގެ ދާއިރާއިން ނުކުޅެދުންތެރިކަން ހުންނަ ޒުވާނުން ބާރުވެރިކުރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވުޒާރާއިން ފާހަގަކުރެއެވެ.

މި ހަބަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޖުތަމަޢުގައި އަބުރުވެރި ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ހުނަރާއި ތަމްރީނު ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ކުރިއަށް އޮތް ހަފްތާގައި މަސައްކަތް ފެށުމާއެކު، މި މަޝްރޫޢު އަވަސް މުއްދަތެއްގެ ތެރޭގައި ނިންމައި ޚިދުމަތަށް ހުޅުވާލުމަކީ އެ ވުޒާރާގެ އަމާޒެކެވެ.

މިއަދު އޮންލައިން