ޢުމްރާގެ އަޅުކަން އަދާކުރާ މީހުންނަށް އަމާޒުކޮށް އިތުރު ދަތުރުތައް ޝެޑިއުލްކުރަމުންދާކަމަށް މޯލްޑިވިއަނުން ބުނެފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ޢުމްރާގެ އަޅުކަން އަދާކުރާ މީހުންނަށް އަމާޒުކޮށް އިތުރު ދަތުރުތައް ޝެޑިއުލްކުރަމުންދާކަމަށް މޯލްޑިވިއަނުން ބުނެފި

ޢުމްރާގެ އަޅުކަން އަދާކުރާ މީހުންނަށް އަމާޒުކޮށް މޯލްޑިވިއަންއިން ފެށި ދަތުރުތަކުގެ ޑިމާންޑު ބޮޑުވެ، އިތުރު ދަތުރުތައް ޝެޑިއުލްކުރަމުންދާކަމަށް ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ހާމަކޮށްފިއެވެ. މޯލްޑިވިއަނުން ޢުމްރާ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

މޯލްޑިވިއަނުން ބުނި ގޮތުގައި މި ދަތުރުތަކުގައި ބޭނުންކުރަމުންދަނީ އެ އެއަރލައިންގެ ވައިޑް-ބޮޑީ މަތިންދާބޯޓެވެ. މި ދަތުރުތަކަކީ ޢުމްރާއަށް ދިއުމަށް ރާވާފައިވާ ދިވެހިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށް އެ އެއަރލައިނުން ފާހަގަކުރެއެވެ.

ކުރިއަށް އޮތް ސްކޫލް ބަންދާ ދިމާކޮށް މާލެއިން ޖިއްދާއަށް ސީދާ ދަތުރުތަކެއް ބޭއްވުމަށް މޯލްޑިވިއަނުން ނިންމާފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. މިގޮތުން މާލެއިން ޖިއްދާއަށް ދަތުރުކުރުމަށް 3 ފްލައިޓެއް އޮޕަރޭޓްކުރާއިރު، މި ދަތުރުތައް ފަށާފައިވަނީ މި މަހުގެ 27 އަދި 28 ވަނަ ދުވަހުއެވެ.

މީގެ އިތުރުން، ޖިއްދާއިން މާލެއަށް އެނބުރި އައުމަށްވެސް ތިން ފްލައިޓެއް އޮޕަރޭޓްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތައް ޝެޑިއުލްކޮށްފައިވަނީ އަންނަ މަހުގެ 10، 11 އަދި 12 ވަނަ ދުވަހު ކަމަށް މޯލްޑިވިއަނުން މަޢުލޫމާތުދެއެވެ.

މޯލްޑިވިއަނުން ބުނީ މި ދަތުރުތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ޢުމްރާވެރިންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ވިއްސަށްވުރެ ގިނަ ފްލައިޓް ޝެޑިއުލްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. މިއީ ޢުމްރާގެ އަޅުކަމަށްދާ ދިވެހިންނަށް އެއަރލައިންގެ ފަރާތުން ފޯރުކޮށްދޭ ޚާއްޞަ ޚިދުމަތްތަކެއްގެ ގޮތުގައި އެ އެއަރލައިނުން ސިފަކުރެއެވެ.

މިއަދު އޮންލައިން