ފުލުހުންގެ ޚިދުމަތަކީ އަންހެނެއް ނުވަތަ ފިރިހެނެއް ތަފާތު ކުރުމެއް ނެތި، ޒިންމާ އުފުލޭނެ ކޮންމެ މީހަކަށްވެސް ހަމަހަމަ ފުރުސަތުތަކެއް އޮތް މުއައްސަސާއެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވިދާޅުވެއްޖެއެވެ.
ސީޕީ މިހެން ވިދާޅުވީ އެކި އިދާރާތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް ހުށަހެޅުންތައް ތައްޔާރުކުރުމަށް ބޭއްވި 'ފްރޮމް ޑެކްލެރޭޝަން ޓު އެކްޝަން: ޖޮއިންޓް އޭޖެންސީ ވޯކްޝޮޕް' ނިންމުމުގެ ރަސްމިއްޔާތުގައެވެ. މިއީ ދިވެހި ފުލުހުންގެ ޚިދުމަތުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހާއްސަ މަސައްކަތުގެ ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، ވޯކްޝޮޕްގެ ތެރެއިން ހުށަހެޅުނު ކަންކަން ތަންފީޒު ކުރުމަށްޓަކައި ކަރުދާހެއް ތައްޔާރުކޮށް، ހޯމް މިނިސްޓަރުގެ ލަފަޔަށް އެދޭނެ ކަމަށެވެ. އަދި އެއަށްފަހު އިދާރާތައް ގުޅިގެން އެކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި، މިކަމުގައި ހުށަހެޅުންތައް ތައްޔާރުކުރުމުގައި އިސްކޮށް އުޅުނު އަންހެން މުވައްޒަފުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވައި ސީޕީ ނަވީން ވިދާޅުވީ، އެ މުއައްސަސާގައި ވަކި ޖިންސަކަށް ވީތީ އިސްކަންދޭ ކޯޓާ ސިސްޓަމެއް ނޯންނާނެ ކަމަށެވެ.
"މިތާގައި ވަކި ކޯޓާ ސިސްޓަމެއް ނޯންނާނެ. ވަކި އަންހެން ފިރިހެން ހާއްސަ މަޤާމުތަކެއް ނޯންނާނެ. ހުރިހާ ބޭފުޅުންވެސް މަޤާމުތަކަށް ކުރިމަތިލާންވީ، އެ މަޤާމުތަކަށް ކުރިމަތިލައިން، އެކޮމިޓްމެންޓާއި ރެސްޕޮންސިބިލިޓީ ނެގޭ ފުލުހުން ތިބެއްޖެއިއްޔާ އެކަންތައް ކުރާނެ،" ކޮމިޝަނަރ ވިދާޅުވިއެވެ.
މީގެ އިތުރުން، މިހާރުވެސް ފުލުހުންގެ ތެރޭގައި ހުރި ގިނަ ޑިޕާޓްމެންޓުތަކެއްގައި އަންހެން މުވައްޒަފުން ވަރަށް ޒިންމާދާރު މަސައްކަތްތަކެއް ކުރަމުންދާކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.